ދިވެހިރާއްޖޭގެ މޫސުން ކުރިޔަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ނެރޭ އެލާޓްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކޯސްތް ގާޑް އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑްގެ މޭޖަރ މުހައްމަދު ފަހުމީ ވިދާޅުވެފައިވާގޮތުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިންދޭ އެލާޓްތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ އާދަޔާ ޚިލާފަށް، ވައިގަދަވެ، ކަނޑު ގަދަވާއިރުގައި ވެސް ކަނޑު ދަތުރުކުރާ ފަރާތްތަކުން ލައިފް ޖެކެޓް ނާޅާ ދަތުރުކުރާކަން ވަރަށް ހިތާމަޔާއެކު ފާހަގަކުރެވެއެވެ. އަދި ލައިފް ޖެކެޓް އެޅުމަށް ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން ވެސް އިރުޝާދު ނުދޭ ކަމަށާއި، ކަނޑު ގަދަ އިރު ލައިފް ޖެކެޓް އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ފަހުމީ ވިދާޅުވެފައި ވެއެވެ.
މޭޖަރ މުހައްމަދު ނައީމް އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މާލެ ކައިރިން ދަތުރުކާ ފަރާތްތަކުން ހާއްސަކޮށް ރިސޯޓްތަކުގެ ދަތުރުތަކުގައި ލައިފް ޖެކެޓް އާންމުކޮށް އަޅާ ކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް ގަދައިގައި ދުއްވާ ޕްރައިވެޓް އުޅަނދުތަކުން ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް ނާޅާ ދަތުރުކުރާކަން ފާހަގަވެފައިވާ ކަމަށާއި، އެހެންކަމުން އެ ފަރާތްތަކަށް އެފަދައިން ރިސްކު ނުނެގުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
މި ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ ހުރިހާ ހާދިސާތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ މޫސުމަށް ނުބަލާ ދަތުރުކުރުން ކަމަށެވެ. އަދި މޫސުން ގޯސް ދުވަސްވަރުވެސް އެއްވެސް ގޮތަކަށް ލައިފް ޖެކެޓް ނާޅާ ބައެއް ފަރާތްތަކުން ދަތުރުކުރާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. މި ހާދިސާތަކުގައި މިފަދަ ކަންކަމަށް ކަނޑު އުޅަނދުފަހަރުގެ ކައްޕިން ސަމާލުކަން ދޭން ޖެހޭނެ ކަމަށް މޭޖަރ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުމަތީގެ ތަފާތު ހިތާމަވެރި ހާދިސާތަށް ހިގާފައި އެބަހުއްޓެވެ.