އެތަނުގެ ތެރެއަށް ވަދެގެން އަންނައިރު ބައެއްފަހަރު ހީވަނީ ބޮޑު ރަސްމިއްޔާތަކަށް ރަތް ދޫލައިގައި އާދެވޭހެންނެވެ. ލަދުން ދެފައި އޮޅި ވެއްޓޭހެންވެސް ހީވެއެވެ. އެހާވަރަށް ދުރުގައި ބަލަހައްޓައިގެން ތިބެއެވެ. އިތުރު ގޮތެއް ނެތިގެން ނޫނީ އެތަނަކަށް އަހަރެން ނުވަދެވޭތޯ ބަލަމެވެ. ސަބަބުތައް ބައިވަރެވެ. މުވައްޒަފުންގެ ރުޅިވެރި މޫނު ނުފެނި ވޭތޯއެވެ. ޚިދުމަތް ހޯދަންދާ މީހުންނާއި ވާހަކަ ދައްކާއިރު އެ ގެންގުޅޭ ބަސްމޮށުންތެރިކަމުންނެވެ. ގިނަ ކުދިންގެ “ޕްރޮފެޝަނަލިޒަމް” ގެ ކަންފުޅެއްވެސް ހަގީގަތުގައި ނުހުރެއެވެ. އެހެން ނަމަވެސް، ވަޒީފާ އަށް ހޮވާއިރުގައި، ދުނިޔޭގައި ހުރިއްޔާ ހުރިތަނަކުން ތަޖުރިބާ ހޯދުމާއި، ރީމެއްގެ ސެޓްފިކެޓް ހުންނަން ޖެހޭ ކަމަށް އިއުލާނުގައި ވެއެވެ.
ދައްކަން މި އުޅެނީ ނުގޮސް ނުވާނޭ ތަނެއްގެ ވާހަކައެވެ. ބަލިވެއްޖެ ނަމަ ދާން ހުރީ އެތަނެވެ. ފަރުވާއަށް އެދެންޖެހެނީ ހަމަ އެތަނުގެ ޑޮކްޓަރުންގެ ގާތުގައެވެ. ބޭސް ލިޔެދީ ވެސް ހަދައެވެ. ގިނަފަހަރު ރަނގަޅަށް އަލާމަތްތަކަށް ނުބަލައި ބަލިމީހާއަށް ބޭސް ލިޔެދީފައި އެބަހުއްޓެވެ. ބަލިމީހާގެ އެތަށް “ޕާރސަނަލް” ވާހަކަތައް ޑޮކްޓަރާއި ހިއްސާކުރާއިރު ޑޮކްޓަރު ކައިރީ އިންނަ ކުއްޖާ ހީހީފައި އެވާހަކަތަށް ރައްޓެހިންނާއި ހިއްސާކުރާލެއް ރާއްޖޭގެ ފައިބާ ނެޓްވޯކުގެ ޚިދުމަތަށް ވުރެ އަވަހެވެ.
ޑަކްޓަރަށް ދެއްކުމަށް ފަހު އެތަނުން ނިކުމެ ގެއަށް ނުދެވެނީސް މުޅި ރަށުތެރޭގައި ބަލިވި ސަބަބުން ފެށިގެން، ދިން ބޭހަށް ދާންދެން ނޭނގޭ މީހަކު ނުހުރެއެވެ. ބަނޑުބޮޑުވި ކަމުގެ އުފާވެރި ޚަބަރު ފިރިމީހާ ކައިރީގައި ބުނުމަށް ޑޮކްޓަރު ބަލާ ކޮޓަރިން ނިކުމެ ފޯނު ނަގާލާއިރު ފިރިމީހާ އާއި ހަމަޔަށް އެވާހަކަ އޮންނަނީ ގޮސްފައެވެ. މިކަމަކީ ބަޔަކު އިތުރަށް ދެބަސްވާނެ ކަމެއް ނޫނެވެ. މިއީ ހަމަ އަސްލަށްވެސް މި ދަންނަވާ މުވައްސަސާގެ ޚިދުމަތުގެ އަވަސް ވާހަކައެވެ.
އެއްޗެކޭ ނުބުނަން ހުންނަނީ އެތަނުގައި އުޅޭ މީހުންނަކީ ކޮންމެވެސް ހިސާބަކުން އާއިލާ މީހަކަށް ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސަކަށް ވުމުން އެމީހުންގެ މޫނާއި ކަދުރާއާއި އުޅަބޮއްޓަށް ބަލާފައެވެ. މި ދެންނެވީ ހަމައެކަނި ފްރޮންޓްލައިނުން ދޭ ޚިދުމަތުގެ މޮޅު ކަމުގެވާހަކަ އެވެ. ދެން އޮތީ، ތަނަކީ މީހުން ބަލި ތަކުންން ޝިފާ ހޯދުމުގެ މަގުސަދުގައި ދައުލަތުން އެތައް މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ ތަނަކަށްވެފައި، ބަލި މީހުންނާއި މެދު ވެވޭ އިހުމާލުގެ ވާހަކައެވެ. ބައްޔެއް ވެގެން ޑްކްޓަރަށް ދައްކަން ދާއިރު ޑޮކްޓަރުގެ “ބްރޭކް ގަޑި” ނޫން ގަޑިއަކާއި ދިމާވާނީ ވަރަށް ބޮޑު ނަސީބުވެރިއަކަށެވެ. ޑޮކްޓަރުގެ އިންތިޒާރުގައި އިންނަން ޖެހިގެން ބްލަޑް ޕްރެޝާ މަތިވެ އެކަމަށް ވެސް ފަރުވާ ހޯދަން ޖެހެއެވެ. އަދި ކުއްލިއަކަށް ދިމާވާ ކަމެއްގައި އަވަސް ފަރުވާ އެއް ހޯދަން ދާ ބަލިމީހާގެ ފުރާނަ ދަންދެން މިދަންނަވާ މުވައްސަސާގެ މީހެއް ލޮލަކަށް ދައްކާ ނުލައެވެ.
މިހުރިހާ ކަމެއް ތަޖުރިބާ ކުރި ކޮންމެ ރައްޔިތަކުވެސް އަނގަ މަޑުން ލައިގެން ތިބެނީ ކުރިން ދެންނެވި ސަބަބާއި ހުރެއެވެ. އޮންނަ ގާތް ކަމަށް ބަލާފައެވެ. އެކަމަކު ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަ އުސޫލުން މިހާރު މި ވަނީ މިކަންތައް ބޮއްސުންލާފައެވެ. އިހުމާލަކަށްފަހު އިހުމާލެކެވެ. މަރަކަށްފަހު މަރެކެވެ. އާއިލާތަކުން މައްސަލަ ހޫނު ކޮށްލާ ހިސާބުން މައްސަލަ ބަލާކަން ހާމަ ކުރާނެވެ. ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމާއި ހިނގައިދިޔަ ކަމެއް ތަކުރާރު ނުވާނޭކަމުގެ ޔަގީންކަންދީ ވެރިން ހަރުއަޑުން ގޮވާނެވެ. ހަމަ ރައްޔިތުންގެ އަޑު މަޑުވާއިރަށް ބަލަން ފެށި މައްސަލަ ދާ ދިމާލެއްވެސް އިނގޭކަށް ނޯވެއެވެ. ހަމަ ކުރިއެކޭ އެއްގޮތައް ވަކި ތަފާތެއް ނެތި އެ ޙިދުމަތް ދިނުމުގައި ދެމިތިބޭނެއެވެ. ކަމެއް ހިނގައިދިޔަ ކަމުގެ ހަނދާނެއްވެސް މިއިން އެއްވެސް މީހެއްގެ ސިކުނޑީގައި ނުހުންނަ ކަހަލައެވެ.
މިއީ މިއަދުގެ އާންމު ހާލަތެވެ. އިހުމާލެއްގެ އަޑު ނީވޭ ދިމާލެއް ނާދެއެވެ. ކަރުނަ އަޅާ ރޯން ޖެހެނީ މާދަން ކޮން އާއިލާ އެއްގެ ކާކު ކަމެއް ނޭގެއެވެ. ތަކުރާރުކޮށް މިކަން ވަނީ ޙިދުމަތްތެރިއެއްގެ ގޮތުގައި އުޅޭ ކޮންމެވެސް މީހެއްގެ އިހުމާލަކުންނެވެ. ނުވަތަ މެނޭޖްމެންޓުގެ ދޯހަޅި ކަމުންނެވެ. ނަމަވެސް ސިއްޙީ ހިދުމަތްތެރިންގެ ތެރޭގައި ވެސް އެތަކެއް ޤުރުބާނީ ތަކެއް ވެފައި ތިބި ފަހުލަވާނުންވެސް އެބަ ތިއްބެވެ. އެމީހުންނަށް ޝުކުރު ހައްޤެވެ. ނަމަވެސް ޤަބޫލް ކުރާށެވެ ނަންވާނީ ހަމަ އެންމެނެވެ. ކޮންމެ އިހުމާލަކީ ބަޔަކަށް ދެވޭ ފޫނުބެއްދޭ ވަރުގެ އަނިޔާއެކެވެ. ފުރާނައަކަށް އަގެއް ކަނޑަނޭޅޭނެއެވެ.