ފެންޑާ
ތިރަށަށް ނާދޭތަ ގުޑުގުޑާ ދޫންޏެއް؟

ކުރިން މުޅިންވެސް ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނަނީ، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ  ވާހަކަތަކުންނެވެ. ނަމަވެސް، މިފަހަރު ގަދަ ވަޔަށް ފަހު ފްރީ ވިސާގައި ރާއްޖޭގައި ޓްރާންސިޓް މިކުރީ ވަރަށްވެސް ހިތްގައިމު އަދި އެހާމެ ރީތިކަން ލިބިފައިވާ ވަރަށް ޚާއްސަ ދޫންޏެކެވެ. ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫންޏެވެ.

ރައްޓެއްސަކު ގުޅާފައި، ކުޅުއްދުއްފުށީ ކުޅިތެރޭގައި އެއަރ ޓެކްސީ ޖައްސާފައި އެބަ އަރައޭ، އެވާހަކަ ނުލިޔަންހޭ ބުނުމުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ރައްޓެހި މީހާ ފުނުވި ވީޑިއޯ ލިބުމުން މިވާގޮތް އެގުނެވެ. މިދައްކަނީ ގުޑުގުޑާ ދޫނީގެ ވާހަކަކަން ސާފުވެގެން ދިޔައެވެ. ތެދެކެވެ. ގުޑު ގުޑާ ދޫނި އުދިހި ގަންނަ އިރު ހީވަނީ ހަމަ އެއާރ ޓެކްސީއެއް ނައްޓާލާހެންނެވެ. ދިގު ފިޔަވަޅުތައް ފެންގަނޑު މަތީގައި އަޅަމުން ގޮސް އުދުހިލައެވެ.

މިއީ ބަލައި ފޫހި ނުވާނެ ހިތްގައިމު މަންޒަރަކެވެ. ގުޑުގުޑާ ދޫނިތައް އެއްފައި މަތީގައި ތިބޭ ތިބުންވެސް ވަރަށް ތަފާތެވެ. އަދި ގަދަ ފިޔާތޮށި ކުލައިގެ ގުޑުގުޑާ ދޫނިތައް ވަކިން ރީތިވެފައި ހިތްގައިމެވެ.

ދެން އިވިގެން ދިޔައީ މުޅިން ތަފާތު ވާހަކައެކެވެ. މިދޫނި ހިފައި، ވިއްކައި ވިޔަފާރިކުރާ ވާހަކައެވެ. ހިޖުރަ ކުރުމުގެ ދަތުރުގައި، މޫސުމަށް އަައި ކުޑަ ބަދަލަކުން، ރާއްޖޭގައި ޓްރާންސިޓް ކޮށް، ޖެއްސި ދޫނިތަކެއް އަދި މިމާހައުލު އެއްކޮށް ބަލައި ދިރާސާކޮށް ނުނިމެނީސް، އެތަކެތިގެ ވިޔަފާރި ފެށީއެވެ. މިއީ އަހަރަމެން ދިވެހިންގެ ގައިގައި ނުފިލާ އަދިވެސް ހުރި ނާތަހުޒީބު އަމަލުތަކެވެ.

ކޮންމެއަކަސް މިފަދަ ނާތަހުޒީބު އަމަލުތައް ހުއްޓުވަން ޖެހެއެވެ. މިއަށްވުރެ ދިވެހިން ހަރުދަނާ ވާންޖެހެއެވެ. މިފަހަރު ރާއްޖެއަށް ޒިޔާރަތްކުރި ގުޑުގުޑާ ތައް ރާއްޖެ މާބޮޑަށް ގަޔާވެ، ރާއްޖޭގައި މަޑުކުރުމަކީވެސް އެކަށީގެންވާކަމެކެވެ. ނަމަވެސް ރާއްޖެއަށް އަންނަ މިފަދަ މޫސުމީ ދޫނިތައް ހިފައި ހައްޔަރުކޮށްގެން ގެންގުޅުމާއި، ތަފާތު އަނިޔާކުރުމަކީ، އެފަދަ ދޫނިތައް ރާއްޖޭގައި އާލާވުމަށް އެޅޭ ހުރަހެކެވެ. މިފަދަ އަމަލުތައް ކަމާބެހޭ ފަރާތްތަކުން ހުއްޓުވައި ފިޔަވަޅު އަޅަން ޖެހެއެވެ.

ކޮންމެއަކަސް، ދިވެހި ސޯޝަލް މީޑިޔާގައި އެންމެ ހިގި ސުރުޚީއަކީ ގުޑުގުޑާ ދޫނީގެ ވާހަކައެވެ. ރާއްޖޭގެ ބައެއް ރަށްރަށަށް މީދޫނިތައް ބައިގަނޑުތަކަށް އައިސްފައިވާއިރު، ރާއްޖޭގެ އަގުބޮޑު 7 ތަރި ރިސޯޓްތަކަށްވެސް އެއްވެސް ބުކިންގ އަކާ ނުލައި ގުޑުގުޑާ ދޫނި ވަނީ ޒިޔާރަތް ކޮށްފައެވެ. ރިސޯޓުގެ އޯނަރުންގެ އެއްވެސް ނުތަނަވަސްކަމެއް މިކަމަށް ނެތް އިރު، މިދޫނިތައް އަންނަނީ އެއްވެސް އަގަކާއި ނުލައި ގެސްޓުންނާއި ސްޓާފުންގެ ހިތް އުފާ ކޮށްދެމުންނެވެ.

ރައްޓެއްސަކު ގުޅާ ކޮންމެ ފަހަރަކު ތިރަށަށް ގުޑުގުޑާ ދޫނި ޒިޔާރަތް ނުކުރޭ ހެއްޔޭ އަހައެވެ. ބައެއް ރައްރަށުން މިދޫނިތަކުގެ އިންތިޒާރުގައި ތިބިހެންވެސް ހީވެއެވެ. ހަމައެކަނި ތައްޔާރު  ނުކުރަނީ، ވެލްކަމް ޑްރިންކެވެ. ގުޑު ގުޑާ ދޫނީގެ މީމްސް ތަށް ވެސް ވަނީ މުޅި ސޯޝަލް މީޑިޔާ ފުރާލާފައެވެ. ބައެއް ފަރާތްތަކުން ގުޑުގުޑާ ދޫނިހެން އެއްފައި މަތީގައި ހުރެ، ދެއަތުން ގުޑުގުޑާ ދޫނީގައި ހުންނަހެން ދިގުކަރާއި ބޯ ސިފަވާގޮތަށް ފޮޓޯ ނަގައި ސޯޝަލް މިޑިޔާގައި އަންނަނީ ހިއްސާކުރަމުންނެވެ. ސޯޝަލް މިޑިޔާގައި ދައުރުވާ ގުޑުގުޑާ ދޫނީގެ ބައެއް މިމްސްތަކުގައި، ގުޑގުޑާ ދޫނީގެ ފޮޓޯގައި އިންސާނުންގެ ބޯ ޖަހައިގެންވެސް ޕޯސްޓްކޮށްފައި އެބަހުއްޓެވެ.

މުޅި ރާއްޖޭގައި އެންމެ ގިނަ މީހުން  އިއްޔެ ވާހަކަ ދެއްކި އަދި ރާއްޖޭގެ ހުރިހާ ނޫސްތަކުގެ ސުރުޚީތަކުން ޖާގަ ހޯދި  އެއް  ސުރުޚީއަށް  ގުޑުގުޑާ  ދޫނި  ވެފައިވެއެވެ. ގުޑު ގުޑާ ދޫނީގެ ހިޖުރަކުރުމުގައި، ރާއްޖޭގައި ޓްރާންސިޓް ކުރީތީ ދިވެހިން ތިބީ އުފަލުން ފޮޅިފައެވެ. ބައެއް ރަށްރަށުން މިތިބީ ގުޑުގުޑާ ދޫންޏެއް އާދޭތޯ ކުޅިތަކާއި ފާތައް ބަލައި ޗެކްކުރުމަގައެވެ. ރައްޓެއްސެއް ގުޅިޔަސް ހަލޯ ކިޔައި، ހާލު ބެލުމުގެ ކުރިން އަހަނީ، ކޮބާ ތިރަށަށް ގުޑުގުޑާ ދޫންޏެއް ނާދޭ ހެއްޔެވެ؟

މިފަދަ ދޫނިތަކަށް ފުރިހަމަޔަށް ހިމާޔަތްދީ، ރާއްޖޭގައި އާލާކުރެވޭތޯ ބަލަންޖެހެއެވެ. ރީތިވާ ކޮންމެ ދޫންޏެއް ހިފައި ހައްޔަރުކޮށް ޗޭނުޖަހައި، ތިބާގެ ގޭގައި ބޭންދުމަކީ ލިބޭ ހިތްހަމަޖެހުމަކަށް ނަހަދާށެވެ.

Comment