ޚަބަރު
ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުޅުދުއްފުށީގައި ފަށައިފި

މި އަހަރުގެ ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި  ކުޅުދުއްފުށީގައި ފާހަގަ ކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ރާވާލެވިފައެވެ. އަދި އޭގެތެރެއިން ބައެއް ހަރަކާތްތައް މިހާރު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ހދ ކުޅުދުއްފުށީ ސިޓީގައި ފާހަގަ ކުރަމުންދާ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާ ބެހޭގޮތުން “ހުވަދޫ” އަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށި ސިޓީ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވީ  ސަރުކާރުން އެ ސިޓީ ގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމީ  މުޅި ސިޓީ އަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމަށް ކަމަށާއި ޔޫތު މިނިސްޓްރީގެ އެ ނިންމުމަށް ޝުކުރު ދަންނަވާ ކަމަށެވެ. މޭޔަރ އިތުރަށް ވިދާޅުވީ މިނިސްޓްރީ ފުރިހަމަ ބެއްލެވުމުގެ ދަށުން މިހާރު ވަނީ ބައެއް ޕްރޮގްރާމް ތައް ހިންގާފައިކަމަށާއި އަދި އިތުރަށް ވެސް ގިނަ ހަރަކާތްތަކާއި ރަސްމީ ޖަލްސާ ވެސް އެބަ އޮތް ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ފަށާފައިވާއިރު ދުވަހުގެ ޚާއްސަ ހަރަކާތްތައް އޮންނަ ތަންތަނާ މަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ސާފް ކޮށްފައެވެ.

 ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް މިހާރު ވަނީ ބައެއް  ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ހިންގާ ލައިފްސްކިލްސް ވާރކްޝޮޕްގެ   ސެޝަން ތަކެއް ވަނީ  ކުރިއަށް ގެންގޮސްފައެވެ. 5ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ މި ވާރކްޝޮޕްގެ  ސެޝަން ނަންގަވައިދެއްވީ ލައިފްސްކިލްސް މާސްޓަރ ޓްރެއިނަރ އާމިނަތު ރަޝީދާ އެވެ. 

ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ ހޭންޑްބޯލް އެގްޒިބިޝަން މެޗް  ވަނީ ކުޅުދުއްފުށީ ސްޓޭޑިއަމް ޓާރފް ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ. މި މެޗަށް ވަނީ ވަރަށް ބޮޑު ތަރުތީބެއް ލިބިފައެވެ. 

ޒުވާނުންގެ ދުވަސް 2021 – ކުޅުދުއްފުށި ސިޓީ ގައި ފާހަގަ ކުރުމުގެ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ޕްރޮގްރާމަކީ  ޝެއިޚް އަނިލް ކުޅުދުއްފުއްޓަށް ވަޑައިގަތުން  ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށީ ސްކޫލް ތަކުގެ ބެލެނިވެރިންނަށް އަމާޒު ކޮށްގެން “ޕޭރެންޓިންގ ސެޝަން ވިތް އަނިލް” ގެ ނަމުގައި ކުރިއަށް ގެންދިޔަ  ސެޝަނެވެ. 

 18 އޮކްޓޯބަރުން ފެށިގެން ކުރިޔަށްދާ  މި ސެޝަންތައް އޮންނަނީ ހދ އަތޮޅު ތަޢުލީމީ މަރުކަޒު ގެ ހޯލުގައެވެ.

 އިތުރު ހަރަކާތްތަކަށް ބަލާއިރު ޝެއިޚް އަނިލްއާއިއެކު ކުރިއަށް ގެންދެވޭ ވަރަށް ޚާއްސަ ދީނީ ދަރުސް އެއް ރޭ ޢިޝާ ނަމާދަށްފަހު މަސްޖިދުލް ހަޟާރަތު (ހުކުރު މިސްކިތް) ގައި ވަނީ ބާއްވާފައެވެ. މި ދަރުސް އަޑުއެހުމަށް  ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނާއި ޒުވާނުން ވަނީ ބައިވެރިވެ ފައެވެ. 

ޒުުވާނުންގެ ދުވާ ހު ކުޅުދުއްފުށި ސިޓީ ގައި ބޭއްވި އެންމެ ފޯރިގަދަ ކުޅި ވަރަކީ ޓްރެއިތްލޯން މުބާރާތެވެ. މި މުބާރާތް ފެށީ ބަނދަރުގެ  މޫދު ސަރަހައްދުންނެވެ. ދެވަނަ ހަރަކާތެއްގެ ގޮތުން ބަރޯ ރޭސް ކުރިއަށް ދިޔައީ ބީޗް ސްޕޯރޓްސް ސަރަހައްދުގައެވެ. އަދި ތިންވަނަ ހަރަކާތަކަށް ބައިސްކަލް ރޭސް ކުރިއަށް ދިޔައީ އެ ސިޓީ ގެ ބަންޑާރަމަގުގެ ދެކުނު ކޮޅާއި ނިކަގަސްމަގާއި، މަޤާމް މަގުގައެވެ.    

ޓްރައިތްލޯން މުބާރާތުގައި ބައިވެރިވީ  ފިރިހެން 7 ޓީމާއި އަންހެން 3 ޓީމެވެ. މި މުބާރާތުން ދެޖިންސުގެ ބައިންވެސް 1 ވަނަ ހޯދާފައިވަނީ ޓީމް  ޝަރީފް އެވެ. 

ކުޅުދުއްފުށި ސިޓީ ގައި ޒުވާނުންގެ ދުވަސް 2021 ފާހަގަ ކުރުމަށް ހިންގި ހަރަކާތްތަކަށް ބަލާއިރު 10-14 އަށް ހިންގި ޖަރނަލިޒަމް ތަމްރީނާއި  ކުޅުދުއްފުށީ  ސްކޫލްތަކުގެ ބެލެނިވެރިންނަށް އަމާޒު ކޮށްގެން “ޕޭރެންޓިންގ ސެޝަން ވިތް އަނިލް” ގެ ނަމުގައި ބޭއްވި ސެޝަން ފާހަގަ ކޮށްލެވެއެވެ. މިސެޝަން ތައާރަފްކޮށް ފައްޓަވައިދެއްވީ ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރ  ޢަލީ އަޙްމަދު އެވެ.

ޒުވާނުންގެ ދުވަސް ކުލަގަފަކޮށް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މިއަދުން ފެށިގެން  23 ގެ ނިޔަލަށް ހިނގާނެ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީޗް ސްޕޯރޓްސް ފޭސްޓިވަލް ، ކައިޓް ސަރފިންގ ލައިޓް ޝޯވ، މުޅި ރާއްޖޭގައި ފަށާ ސާފް ކުރުމުގެ ހަރަކާތް, ރޯޑް ކިންގް ޗެމްޕިިއަންޝިޕް އަދި ޒުވާނުންގެ ދުވަހުގެ ޚާއްސަ މިއުޒިކް ޝޯވއާއި ޒުވާނުންގެ ދުވަހުގެ ޚާއްސަ ރަސްމިއްޔާތު ފާހަގަ ކޮށްލެވެއެވެ.

ކުޅުދުއްފުށި ސިޓީ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީގެ ބައެއް އިސްވެރިންނާއެކު ޚާއްޞަ ވަފުދެއް މިހާރު ވަނީ އެ ސިޓީ އަށް ވަޑައިގެންފައެވެ.

ޒުވާނުންގެ ދުވަހަކީ މި އޮކްޓޫބަރު 22 ވަާ ހުކުރު ދުވަހެވެ.

Comment