ޚަބަރު
މިއަހަރުތެރޭ އެވިޑެންސް ބޭސްޑް ފަރުވާ ތައާރަފް ކުރެވޭނެ: ޝަމާއު

މަސްތުވާތަކެތީގެ ޝިކާރަކަޔަކަށްވެފައި ތިބި މީހުންނަށް އެވިޑެންސް ބޭސްޑް ފަރުވާ ދިނުމުގެ މަސައްކަތް މިއަހަރުތެރޭ ފަށާނެކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، (އެންޑީއޭ) ބޯޑުގެ ޗެއާ އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްކި ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމާއު ވިދާޅުވީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް މިހާރު ރާއްޖެއިން ދޭ ފަރުވާ އަކީ މީގެ 25 އަހަރު ކުރިން ފެށިގެން ދެމުން އަންނަ ޒަމާނަށް ނުފެތޭ ބޯދާ ފަރުވާއެއް ކަމަށާއި އެފަރުވާ ދިނުމަށްފަހު މުޖުތަމައުތެރެޔަށް ނެރޭ ކުދިން އަނެއްކާވެސް މަސްތުވާ ތަކެތީގެ ވަބާގައި ޖެހި އޮޔާގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ބޭރު ޤައުމުތަކުގެ އެހީއާއެކު ފަރުވާގެ ނިޒާމަށް ބަދަލު ގެނެސް މިއަހަރުތެރޭ އެވިޑެންސް ބޭސްޑް ފަރުވާ ތައާރަފްވެގެން ދާނެކަމަށް ޝަމާއުވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި، ކަމުގެ ތަޖުރިބާކާރު މާހިރުންގެ ލަފަޔާއި އިރުޝާދު ލިބެމުންދާކަމަށް ޝަމާއު ފާހަނގަކުރެއްވިއެވެ.

“މި ކުރެވޭ މަސައްކަތުގަ ރާއްޖެ އާ ރާއްޖެއިން ބޭރުގަ ތިއްބެވި ފަންނީ ބޭފުޅުންގެ ލަފާ ވެސް އެބަ ހޯދަން. މީގެ ތެރޭގަ އޮސްޓްރޭލިއާ އާއި ޔޫކޭގެ ކޮންސަލްޓެންޓުން ހިމެނޭ. އަދި ޑަބްލިޔޫއެޗްއޯ އާއި ޔޫއެންއޯޑީސީން ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން އެބަލިބޭ،”

ޝަމާއު ފާހަނގަކުރެއްވިގޮތުގައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހުމަށްފަހު ފަރުވާ ނަގައިގެން މުޖުތަމައުއަށް ނުކުންނަ ކުދިންނަށް އޮތް ގޮށްޖެހުމަކީ ވަޒީފާގެ ފުރުސަތެއް ނުލިބުމެވެ. އެހެންކަމުން ފަރުވާއަށް ގެންނަން އުޅޭ ބަދަލާއެކު އެފަދަ މައްސަލަ ތަކަށްވެސް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ޝަމާއު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ހޯދައިގެން މުޖުތަމައަށް ނުކުތުމަށްފަހު، ދެވަނަ ފަހަރު އަނބުރާ އެ ތަކެތީގެ ތެރެއަށް ވަންނަ މީހުންގެ އަދަދު އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުން ކަމަށާއި މިހާތަނަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި އެހެން ދިމާވާ މައިގަނޑު ސަބަބުތައް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން ފަރުވާގެ ނިޒާމަށް ބަދަލު ގެންނަން ވިސްނާއިރު އެކަންކަމަށް ވަރަށް ބޮޑަށް ވިސްނާފައިވާނެ ކަމަށެވެ.

Comment