ފްލެޓް ގަތުމަށް ސީލައިފް ކުންފުންޏަށް ފައިސާދިން މީހުންނަށް “ވިނަރެސް” އިން އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޮޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
ސީލައިފް ކުންފުނިން ވަނީ ފްލެޓް ދޫކުރާނެ ކަމަށްބުނެ ރައްޔިތުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައެވެ. އެމީހުންނަށް “ވިނަރެސް”އިން ފްލެޓް ދޫކުރުމަށް އެޗްޑިސީން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ފްލެޓް ގަތުމުގެ ފުރުސަތު ލިބޭނީ ފްލެޓު ގަތުމަށް ސީލައިފަށް ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅާ، އެޗްޑީސީން އެ ފައިސާ ރީފަންޑު ކޮށްދީފައިވާ މީހުންނަށް ކަމަށް އެކުންފުނިން ވަނީ އަންގާފައެވެ. އަދި ރިފަންޑް ނުލިބޭ މީހުން ސީލައިފަށް ފައިސާ ދެއްކިކަމުގެ ލިޔުން އެޗްޑީސީގެ މެއިލް residential@hdc.com.mv އަށް މެއިލް ކުރުމަށް ފަހު ރެޖިސްޓެރީވުމަށް ވަނީ އަންގާފައެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”ވިނަރެސް” ފްލެޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީން ފޯރުކޮށްދީފައިވާ ލިންކް އިން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން ރެޖިސްޓްރީ ވުމަށް އެދި ހުށަހެޅޭނެ ކަމަށާއި އެ ލިންކް މެދުވެރިކޮށް ރެޖިސްޓެރީވާ މީހުންނަށް ވިނަރެސްގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.
އެޗްޑީސީން ލަފާ ކުރާ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިމޭނީ 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައިއެވެ. ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ.
ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.
2014 ވަނަ އަހަރު 3ހާސް ހައުސިން ޔުނިޓް އަޅަން ސީލައިފް ގްލޯބަލް ކުންފުންޏާއި ހަވާލުކުރެވުނު ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް އެޕްރޮޖެކްޓުގެ އަމަލީ މަސައްކަތްވަނީ ނުފެށިފައެވެ. އެހެންނަމަވެސް ފްލެޓްތައް ވިއްކާކަމަށްބުނެ މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެކުންފުނިންވަނީ އެފައިސާތަކަށް ޙިޔާނާތްތެރިވެފައެވެ. މިމައްސަލައިގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް މިހާރު ވަނީ ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް އުފުލާފައެވެ.