ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްސޭރި ޖަލަކީ އދ. ގެ މިންގަނޑަށް ރިއާޔަތްކުރާއިރު އެއީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށާއި ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރިކަން ލިބިގެންވާ ތަނެއް ނޫންކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު އަދި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން އެ ކުދިންނަށް ލިބިދޭ ތަނެއްގެ ގޮތުގައި ޖަލު ވާންޖެހޭނެ ކަމަށްބުނެ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް އެޗްއާރުސީއެމުން ވަނީ އަންގާފައެވެ.
އެޗްއާރުސީއެމުން މިދިޔަ ނޮވެމްބަރު 8-10 އަށް އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި، ޖަލުގެ ހާލަތާއި އެތާނގައި ދިރިއުޅޭ ކުޑަކުދިންގެ ހާލުވަނީ ބަލާ ތަހުޤީގުކޮށްފައެވެ. ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ނިމޭނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދިނަސް މިދިޔަ މަހުގެ 16 ގައި އެ ޖަލަށް ދެ ވަނަ ފަހަރަށް ޒިޔާރަތް ކުރިއިރު ވެސް ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނުނިމޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނާގޮތުން ކ. ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަނޑައަޅާ ޕްލޭނެއް އޮކްޓޯބަރު 24 ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށް ވަނީ ކަރެކްޝަނަލް ސާވިސްއަށް އަންގާފައެވެ.