އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ގޮޅިބަރީގައި ބޭނުން ކުރާ ފާހާނަތައް ފެންނަ ގޮތަށް ކެމެރާ ހަރުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަންގެ ގޮޅިބަރީގެ ކޮންމެ ގޮޅިއަކާއި ދިމާލުން ދާދި ފަހުން ވަނީ ކެމެރާ ހަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަރުކޮށްފައިވާ ކެމެރާތަކުން ގޮޅީގެ ފާހާނަބަޔާއެކު ފެންނަ ގޮތަށް ހުރުމުން ގޮޅީގައި ބަންދުގައި ތިބި މީހުންދަނީ އެމައްސަލައިގައި ނުރުހުން ފާޅުކުރަމުންނެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަންގެ ގޮޅިބަރީގައި ފާހާނާ ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައިވާ މައްސަލަ މިހާރު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިިވާއިރު، އަދި މިހާތަނަށް މިކަމުގައި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކެމެރާތަކުން ޕޮލިސް ސްޓޭޝަނުގެ އިސް ބޭފުޅުންގެ އިތުރުން ކައުންޓަރުގައި ތިބޭ ފުލުހުންނަށް ކެމެރާގެ ރެކޯޑިންގ ތައް ފެންނަހެން ހުރެއެވެ.
މިމައްސަލަ އެޗްއާރްސީއެމް އަށް ހުށަހެޅި ފަރާތާއި ހަވާލާދީ އޮންލައިން ނޫސް “ވަގުތު” ގައި ޝާޢިއުކޮށްފައިވާ ގޮތުގައި، ގޮޅިބަރީގައި ތިބޭ މީހުންނަކީ ތުހުމަތު ތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ކަމަށާއި، އެފަރާތްތަކާމެދު އެގޮތަށް އަމަލު ކުރަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހައްޔަރުކޮށްފައި ތިބޭ މީހުންގެ ކަރާމަތާއި އިންސާނީ ހައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޢަމަލު ކުރުމަކީ ޤާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް ލިބިދޭ އިޚްތިޔާރެއް ނޫން ކަމަށާއި، އެފަދަ މައްސަލަތައް ސީރިއަސް ގޮތެއްގައި ބަލަން ޖެހޭނެ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.