ޚަބަރު
ތިނަދޫއިން މަރުވި ތުއްތުކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި

ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ ފަރުވާކުޑަކަމުން ނިޔާވި ތިންމަހުގެ ތުއްތު ކުއްޖާގެ މައްސަލަ ބަލަމުންގެންދާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ވިދާޅުވިގޮތުގައި އެކުއްޖާއަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް މިހާރު ތަހުޤީގު ކުރިޔަށް ދާ ކަމަށާއި މިކަމުގައި ހިމެނުނު ޑޮކްޓަރު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވަނީ މިމައްސަލައިގެ ފުރިހަމަ ތަހުޤީގެއް ހިންގުމަށް ގޮވާލާފައެވެ. ނިޔާވި ތުއްތު ކުއްޖާގެ އާއިލާއިންވަނީ ކަންތައް ހިނގާދިޔަގޮތް ވަރަށް ސާފްކޮށް ކިޔައިދީފައެވެ.

މިމައްސަލައާއި ގުޅިގެން އާންމު ރައްޔިތުންދަނީ އެހޮސްޕިޓަލާ ދެކޮޅަށް ނުހުރުން ފާޅުކުރަމުންނެވެ. އެގޮތުން މިހޮސްޕިޓަލަކީ އަބަދުވެސް ފަރުވާ ކުޑަ ތަނެއް ކަމަށާއި އެތަނުގެ ފަރުވާ ކުޑަކަމުން މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާކަމަށް ބުނެ ރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގދ.ތިނަދޫން ނިޔާވި ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ ރިއުމާންގެ ބައްޕަ ބުނާގޮތުން ކުއްޖާ ބޭރަށް ހިގަން ފެށުމުން އިމަޖެންސީކޮށް އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:00 ހާއިރު ހޮސްޕިޓަލަށް ގުޅާފަ އެމްބިއުލާންސް ފޮނުވަން އެދުމުން ކުއްޖާ ކޮވިޑް ފެސިލިޓީއަށް ގެންދަން އންގާފައިވާ ކަމަށެވެ. އެގޭގެ ހުރިހާ މެމްބަރުން އެވަގުތު ކޮވިޑަށް ފައްސިވެފައިވާތީ ކުއްޖާ ގެންދެވުނީ ކޮވިޑް ފެސިލިޓީއަށެވެ. އެހެންނަމަވެސް ކުއްޖާއަށް ފަރުވާ ނުލިބި އެތައް އިރަކު ބޭއްވުމުގެ ސަބަބުން ހެނދުނު 7:40 ވީއިރު ކުއްޖާ ނޭވާ ނުލައި، ހަރަކާތް ހުއްޓުނުކަމަށެވެ. ހޮސްޕިޓަލު ޑޮކްޓަރުންގެ ޓީމް އިމަޖެންސީގައި އައިއިރު ދަރިފުޅު މަރުވެފައިވާކަމަށް ހަމީދުވަނީ ބުނެފައެވެ.

 

Comment