ހަވަރު ސްޕޯޓްސްގެ ފަރާތުން ގދ.އަތޮޅު ތައުލީމީ މަރުކަޒަށް ފުޓްބޯޅަތަކެއް ހަދިޔާކޮށްފިއެވެ.
މިދުވަސްވަރަކީ ސްކޫލްތަކުގެ އިންޓަރ ހައުސް މުބާރާތްތަކަށް ފަރިތަކުރަމުންދާ ދުވަސްވަރަކަށް ވުމާއި ގުޅިގެން، ހަވަރު ސްޕޯޓްސްއިންވަނީ މިއަދު ހެދުނު ބޭއްވި ރަސްމިއްޔާތެއްގައި އެޖަމިއްޔާގެ ފަރާތުން ބޯޅަތައް ހަވާލުކޮށްދެއްވީ ހަވަރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ޔާސިރުއެވެ. ސްކޫލްގެ ފަރާތުން ބޯޅަތަކާއި ހަވާލުވީ އެސްކޫލްގެ އެޑްމިނިސްޓްރޭޓަރ މުހައްމަދު ސައީދު ހުސައިން އެވެ.
“ހުވަދޫ”އަށް މައުލޫމާތު ދެއްވަމުން ހަވަރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ޔާސިރު ބުނެފައިވަނީ އެހީއަށް ބޭނުންވެގެން އެދޭ ކޮންމެ ފަރާތަކަށް ހަވަރު ސްޕޯޓްސްއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ކުރިޔަށް އޮތްތާނގައި ސްކޫލްތަކުން ބާއްވާ ގިނަ ހަރާކާތްތަކަށް އެޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.
ހަވަރު ސްޕޯޓްސްއަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ޖަމްއިއްޔާއެކެވެ. ހާއްސަކޮށް ކުޅިވަރުގެ ދާއިރާގައި ހަވަރު ސްޕޯޓްސްއިން ދެމުންއަންނަ އެހީތެރިކަން ފާހަނގަކޮށްލެވެއެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރާ ކޮންމެ މަސައްކަތެއްގެ އިސް ސަފުގައި ހަރަކާތްތެރިވާ ހަވަރު ސްޕޯޓްސްއަކީ ހިންގުންތެރި ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ޖަމިއްޔާއެކެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަނގަކުރުމުގައި އަވަދިނެތި އުޅެމުންދާ ހަވަރު ސްޕޯޓްސްއިން ކުޅިވަރުގެ މައިދާނުގައި ޒުވާނުންނަށް ގިނަގުނަ ފުރުސަތްތަކެއް ވަނީ ހުޅުވައިދީފައިވެއެވެ. އެގޮތުން ހަވަރު ސްޕޯޓްސްއާއި ސްޕޯޓްސް ކްލަބް ޔުނީކުން އިސްނަގައިގެން ތިނަދޫ ޑަބްލިޔު.ޑީ.ސީއާއި ގުޅިގެން ބާއްވާ އަންހެނުންގެ ހޭންޑްބޯލް މުބާރާތެއް މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 09:30 ގައި ތިނަދޫ އާރު އަވަށު ޓާރފް ގްރައުންޑުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.