300 އަށް ވުރެ ގިނަ ދުވުންތެރިންނާ އެކު ތިނަދޫ ގައި ބޭއްވި އެންމެ ބޮޑު ދުވުން މިއަދު ހަވީރު ބާއްވައިފިއެވެ. މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫ ގައި ތިބި ޙަރަކާތްތެރި ޖަމްޢިއްޔާ ތަކާއި ތިނަދޫ ކައުނަސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން ތިނަދޫގައި ބާއްވާ ޚާއްޞަ ޙަރަކާތްތަކުގައި ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ޙަރަކާތް ކަމުގައިވާ މި ދުވުމަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާ ކުރުމާއި ރަށުގެ ހުރިހާ ޖަމްޢިއްޔާ ތަކާއި ކުދި ބޮޑު އެންމެހާ ރައްޔިތުންންކީ ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ގުޅިގެން އެއް ޖޯޝެއް ގައި މަސައްކަތް ކުރާ ބަޔެއްކަމުގައި ހެދުމުގެ މަޤްޞަދުގައި ބާއްވާ ދުވުމެކެވެ.
ޒުވާނުންނާއި ކުޑަކުދިންގެ އިތުރުން ކުދިންގެ ބެލެނިވެރިންނާއި ރަށުގެ މުވައްސަސާތަކުން ބައިވެރިވި މި ދުވުމަކީ 3 ކިލޯ މީޓަރާއި 1.5 ކިލޯ މީޓަރުގެ ގެ ދުވުމެކެވެ.
ތިނަދޫގައި މިއަހަރު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި މަސް ރޭސް މުބާރާތް، ފެތުމުގެ މުބާރާތް، އަންހެނުންގެ ހޭންޑްބޯޅަ މެޗް, ފިރިހެނުންގެ ފުޓްސަލް މެޗް ، ލޭ ހަދިޔާ ކުރުން، އަދި މިއުޒިކް ޝޯވ ހިމެނެއެވެ.
ތިނަދޫ ގައި މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އެއް ޓީމެއްގެ ގޮތުގައި ބައިވެރިވާ ޖަމްޢިއްޔާ ތަކަކީ ހުވަދޫ ސްވިމިންގ ކްލަބް (އެޗްއެސްސީ), ހުވަދޫ ރެކްރިއޭޝަން (އެޗްއާރް), ހުވަދޫ އެސޯސިއޭޝަން ފޯރ ނޭޝަނަލް ޑިވެލޮޕަމަންޓް (ހޭންޑް), ހަވަރު ސްޕޯޓްސް ، ރައުހަތު ސްޕޯޓްސް ، ހުވަދޫ ބެޑްމިންޓަން ކްލަބް(އެޗްބީސީ) ، ތިނަދޫ އެސޯސިއޭޝަން ފޯރ ޔޫތު ޑިވެލޮޕަމަންޓް އެންޑް އެންޕަވަރމެންޓް (ޓޭޑް) ، ތިނަދޫ ޔޫތު ފުޓްބޯޅް ކްލަބް (ޓީވައި އެފްސީ) އަދި ސްޕޯޓްސް ކްލަބް ޔުނީކް(އެސްސީޔޫ) އާއި ސްކީމް- ތިނަދޫ ބްރާންޗް އެވެ. އަދި ޒުވާނުންގެ ދުވަސް ކުލަގަފަކޮށް ފާހަގަ ކުރުމުގެ ހަރަކާތް ތަކުގައި ސްކައުޓް އެސޯސިއޭޝަން ބައިވެރިވެ އެވެ.
ތިނަދޫ ގައި 7 ދުވަހުގެ މުއްދަތަށް ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ހިނގާ ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ތަކަކީ ހުވަދޫ ، އޭއޯ ނިއުސް ، އިވެންޓް ކާސްޓް ، އަދި ގާފުއެވެ.