ކުރިއަށް އޮތް އީދު ބަންދާއި ބޮޑު ޗުއްޓީގައި ގިނަމީހުން އެއްވެގެން ބާއްވާ ތަފާތު ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭ މިހެން ބުނެފައިވަނީ ރާއްޖޭގައި އެކި ހިސާބު ތަކުގައި ކޮވިޑް-19ގެ ބަލި މަޑުކަން އޮތުމާއެކު ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައެވެ. ކޮވިޑް ކޭސްތައް މަދުވުމާއެކު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފާއިވާ މި ދަނޑިވަޅުގައި ގިނަ ޢަދަދެއްގެ ބަޔަކުދަނީ މާލެއިން ރަށްރަށަށް ދަތުރުކުރަމުންނެވެ. މި ކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ވަނީ އީދު ބަންދާއި ޗުއްޓީގައި ދަތުރުކުރުމާއި އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަންދިނުމަށް އިލްތިމާސް ކޮށް ޚާއްސަ އިއުލާނެއްވެސް އާންމުކުރައްވާފައެވެ.
އެގޮތުން މި އިއުލާނުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި މައިގަނޑު 6 ކަމެއް ފާހަގަކޮށް އެކަންކަމަށް އިސްކަންދީގެން ފިޔަވަޅުތައް އެޅުއްވުމަށްވަނީ އިލްތިމާސްކޮށްފައެވެ.
- ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅުން
- ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ނުވަތަ “އެއް ބަބުލްގެ މީހުން” ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން
- މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކްއެޅުން
- ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން
- އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުން
- އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުން
- ކުޅިވަރު މުބާރާތްތައް ނުބޭއްވުން
މީގެ އިތުރަށް ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭގެ އިއުލާނުގައި ހަނދާންކޮށްދީފައި ވެއެވެ. ހަމަ އެއާކު ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. ޓެސްޓުކުރުމަށް ސާމްޕަލް ނެގައިފައި ވާނަމަ ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމަކީ މުހިއްމު ކަމެއްކަން އެޗްޕީއޭއިން ވަނީ ހަނދާން ކޮށްދީފައެވެ.