ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސްއެއް ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި ރަށްރަށަށް ފޮނުވަން ފަށާނެކަމަށް ހެލްތު މިނިސްޓަރީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން އެމްބިއުލާންސްތައް ފޮނުވަން ނިންމާފައވަނީ މަކުނުދޫގައި ބަލި މީހަކު ބަރޯއަކަށް ލައިގެން މަރުކަޒަށް ގެންދިއުމުން ގިނަ ބައެއްގެ ފާޑިކުޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ޖޫންމަހު ސަރުކާރުން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ޙަވާލުކޮށްފައެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ އަތޮޅުތަކުގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ 20 އެމްބިއުލަންސްގެ ފުރަތަމަ ޝިޕްމަންޓް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ކުރިއަށް އޮތް 3 ދުވަސް ތެރޭގައި ރަށްރަށަށް އެމްބިއުލާންސް ފޮނުވަން ފަށާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7ވަނަ ދުވަހުއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެކަމަށާ އޭގެ ފަހުންވެސް 20 އެމްބިއުލާންސް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލާންސް ޚިދުމަތަށް ނެރެވޭނެކަމަށް އަންދާޒާކުރައްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްސަކޮށް އަތޮޅުތަކުގައި ދެމުން އަންނަ ސީއްޙީ ޚިދުމަތްތައް އަންނަނީ ފުޅާވަމުންނެވެ. ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މި މަހު ޖަޕާނު ސަރުކާރުންވަނީ ޒަމާނީ ސީ އެމްބިއުލާންސް ހޯދުމަށް 3.6 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.