ޚަބަރު
ކުޑަކުއްޖާ ވެއްޓުނު ވަޅުގެ މަތިގަނޑު ތިނަދޫ ޖަމްޢިއްޔާތަކުން ބަންދުކޮށްފި

ގދ ތިނަދޫ މިއުޒިއަމް ޕާކުގެ ޕަމްޕް ސްޓޭޝަން ހުންނަ ވަޅަށް އިއްޔެ 4 އަހަރުގެ ކުއްޖަކު ވެއްޓުމާއި ގުޅިގެން ތިނަދޫގައި ހިންގާ ޖަމްޢިއްޔާތަކަކުން އެތަނުގެ މަތިގަނޑު ބަންދުކޮށް ތަޅުދަނޑި ކައުންސިލާއި ހަވާލުކޮށްފިއެވެ.

ތިނަދޫ ރެކްރިއޭޝަނާއި، ހަވަރު ސްޕޯޓްސް އާއި، ޓޭޑް ޖަމްޢިއްޔާގެ އިތުރުން ހުވަދޫ ސްވިމިންގ ކްލަބްއިން އެތަން ބަންދުކޮށް ތަޅު އަޅުވާފައި، އެތަނުގެ ތަޅުދަނޑި މިހާރު ކައުންސިލްއާއި ހަވާލުކޮށްފައި ކަމަށް ހަވަރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ޔާސިރު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވިއެވެ.

ޔާސިރު ވިދާޅުވީ، ކުޑަކުދިން ކުޅެން ހަދާފައިވާ މާހައުލު ތަކަކީ އެކުދިންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށާއި، އެފަދަ ގޮތަކަށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނަކީ ފަރުވާކުޑަވުމުގެ ސަބަބުން ކޮންމެ ފަދަ އަނިޔާއެއްްވެސް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްކަމަށެވެ.

ޔާސިރު ވިދާޅުވީ، އިއްޔެ ހިނގައިދިޔަ ހާދިސާ އަކީ ތިނަދޫ ޖަމްޢިއްޔާތައް ގުޅިގެން ތިނަދޫގައި ކުލަގަދަކޮށް ޒުވާނުންގެ ދުވަސް ފާހަގަ ކުރަމުންދިޔަ ދަނޑިވަޅެއްގައި ހިގައިދިޔަ ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެހެން ކަމުން ޖަމްޢިއްޔާތަކުން ނިންމީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އެގޮތުން އެތަނުގެ މަތިގަނޑު ބަންދު ކުރުމަށް ހޭދަވީ 15 މިނެޓް ކަމަށާއި ޖުމްލަ އަތުން ޚަރަދުވީ 150 ރުފިޔާ ކަމަށެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ހިނގައިދިޔަ ހާދިސާގެ ސަބަބުން ލިބުނު ގެއްލުން ތަކަށް ކުއްޖާއަށް ވަނީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދާފައެވެ. ކުއްޖާ ވެއްޓުނު ވަޅަކީ 10 ވަރަކަށް ފޫޓުގެ ފުންމިން ހުންނަ ވަޅެކެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ، ކުއްޖާ ވެއްޓުމުގައި އެކައުންސިލުގެ އިހުމާލެއްް އޮތްތޯ ބެލުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގައި ކައުންސިލުގެ މުވައްޒަފަކު އިހުމާލުވެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

Comment

  1. ސުފައިލާ

    މޮޅުވާހަކައެއް ބުނެފަ ނިންމާލީދޯ؟މަތި ބަންދު ކުރިމީހުން ތިތަނަށް ދިޔައީ އަލަށްތޯ؟ތި މީހުންނަކީ ފަހުން ތިތަން ހުޅުވަންވެގެން އިސްކޮށް އުޅުނުމީހުން.ސަމާލުކަން ހޯދަން މިހާރު ތިކަން ތިކުރީ.ބަޔަކަށް ހެޔޮއެދިގެން ތިރަށުމީހުން ކަމެއް ނުކުރާނެ.