ޚަބަރު
ތިނަދޫގައި ޒުވާނުންގެ ދުވަހުގެ މެޗްތަކުން ވަރަށް ތަފާތު މަންޒަރަކާ އިޙުސާސެއް!

ޒުވާނުންގެ ދުވަހާ ގުޅިގެން ތިނަދޫގައި މިރޭ ކުޅުނު ފިރިހެންގެ ފުޓްސަލް އާއި އަންހެނުންގެ ހޭންޑްބޯޅަ މެޗްތަކުން ވަރަށް ތަފާތު މަންޒަރެއް ފެނިގެން ދިޔައެވެ. އެ މަންޒަރުން ކުޅިބެލުމަށްޓަކައި ދަނޑަށް ހާޒިރުވެ ތިބި މީހުންނާއި ކުޅުންތެރިންނަށް ކުރެވިގެންވާ ދިޔައީ ތަފާތު އިޙުސާސެކެވެ.

ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ޒުވާނުންގެ މެދުގައި ކުޅުނު 2 މެޗްވެސް ޚާއްޞަ ކޮއްފައިވަނީ ރާއްޖޭގެ ޚާއްޞަ އެހީ އަށް ބޭނުންވާ މީހުންނަށެވެ. މިރޭގެ މެޗްތަކުން ފެނިގެން ދިޔަ ޚާއްސަ ކަމަކީ އެ 2 މެޗް ޝަރަފުވެރި މެހެމާނުންނާގެ ގޮތުގައި ތިއްބެވި އެފަދަ 2 ބޭފުޅުންނެވެ. މިރޭ ފުރަތަމަ ކުޅުނު ފުޓްސަލް މެޗުގައި ޓޭޑް, ޓީވައިއެފްސީ އަދި 2 ވަނައަށް ކުޅުނު ހޭންޑްބޯޅަ މެޗް ގައި ހަވަރު ސްޕޯޓްސް އާއި ސްޕޯޓްސް ކްލަބް ޔުނީކް ބައްދަލު ކުރި މެޗުގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ 2 ބޭފުޅުން ތިއްބެވިއިރު މިއީ ރާއްޖެއިން އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ޔަޤީނުންވެސް ގދ ތިނަދޫއިން މީގެ ކުރިން ފެނިގެންގޮސްފައިވާ މަންޒަރެއް ނޫނެވެ. އެހެންކަމުން އެކަން ވެގެން ދިޔައީ އެންމެންނަށްވެސް ތަފާތު އިޙުސާސް ކުރުވި ތާރީޚީ ކަމަކަށެވެ. އެންމެންނަކީވެސް ހަމަހަމަ ބައެއްކަން ފެނިގެންދިޔަ މިމަންޒަރު ތަފާތު ވިޔަސް އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫގެ ޖަމްޢިއްޔާ ތަކާއި ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން ތިނަދޫގައި ބާއްވާ ޚާއްޞަ ޙަރަކާތްތަކުގައި ތެރޭގައި ހިމެނޭ ޒުވާނުނުންގެ ޚާއްޞަ ފުޓްސަލް އާއި ހޭންޑްބޯޅަ މެޗުގެ ޝަރަފުވެރިންގެ ގޮތުގައި ތިއްބެވީ ތިނަދޫ ފެހިކޮކާ، އަޒީޒާ އަފީފް އާއި ކޮޑެދޫ، ޙަސަން ދީދީ އެވެ.

މިރޭ ކުޅުން މެޗުތަކަށް ބަލާއިރު ފުރަތަމަ ކުޅުނު ފުޓްސަލް މެޗުގައި ޓީވައިއެފްސީ ވަނީ 0-5 ގެ ނަތީޖާ އަކުން މޮޅުވެފައެވެ. އަދި 2ވަނައަށް ކުޅުނު ހޭންޑްބޯޅަ މެޗް ގައި ހަވަރު ސްޕޯޓްސް އާއި ސްޕޯޓްސް ކްލަބް ޔުނީކް ބައްދަލު ކުރި މެޗް 9-12 ލަނޑުން ކާމިޔާބު ކުރީ ސްޕޯޓްސް ކްލަބް ޔުނީކް އެވެ.

ގިނަ ބަޔަކު ކުޅި ބަލަން ދިޔަ މިމެޗް ބައްލަވާލެއްވުމަށް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު ޢަލީ އާއި ތިނަދޫ ނާއިބް ރައީސް ނަސްރުﷲ ޢަލީ އާއި ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ޖީޒާ ޙަސަންގެ އިތުރުން ތިނަދޫ ކައުންސިލް މެމްބަރުންނާއި ޑަބްލިއުޑީސީ ގެ މެމްބަރުން ވަޑައިގެންނެވިއެވެ.

Comment