މިސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކުން މަސްތުވާ ތަކެއްޗަށް ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން ހދ.ކުޅުދުއްފުށީގައި ރޭ ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހި ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމައުގައި ބޭނުން ނުހިފޭ ބަޔަކު ކަމުގައި ވެފައިތިބުމެވެ. އެފަދަ މީހުންނަށް ފަރުވާ ހޯދައިދީ އެމީހުން އަބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރުމީ ސަރުކާރުގެ އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން މިހާރު ޑްރާފްޓުކޮށްފައިވާ “ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު”ގެ އެންމެ މުހިންމު މަގުސަދަކީ އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ، އަދި ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން ކަމަށާއި ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުސަތުތަކަށް މަގުފަހުކޮށްދިނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިބިލް ފާސްވެއްޖެނަމަ ރާއްޖެއަށް ރީތި ނަން ހޯދާ ޝަރަފާއި ފަޚުރު ހޯދުމުގައި ޒުވާނުންގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ލިބިގެންދާނެ ކަމަށާއި މުޖުތަމައުގައި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ އެމީހުންނަކީވެސް ބޭނުންތެރި ބަޔަކަށް ހެދިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އައި ބަދަލާ ގުޅިގެން ރާއްޖޭގެ ކުރިއެރުމަށް ޒުވާނުންގެ ދައުރު ބޮޑުކަން ފާހަނގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތައް ހުރިކަމުގައިވިޔަސް ގިނަ ޒުވާނުން ތިބީ ދެއަތް އުރާލައިގެން ކަމަށެވެ. އަދި އެވަޒީފާތައް ބިދޭސީން އަދާކުރަމުން ގެންދާ ކަމަށް ރައީސް ފާހަނގަކުރެއްވިއެވެ.
އެހެންކަމުން މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިންނަށް ފަރުވާ ހޯދައިދީ އެކުދިންނަކީވެސް މުޖުތަމައުގައި ފައިދާހުރި ބަޔަކަށް ހެދުމަކީ މިސަރުކާރުން ގަދައަޅާ މަސައްކަތްކުރާ ކަމެއްކަން ރައީސް ފާހަނގަކުރެއްވިއެވެ.