ޒިނޭގެ ކުށް ސާބިތުކުރުމަށް ބާރުދެނިވި އިތުރު ގަރީނާ ހުރިނަމަ ހެއްކެއްގެ ގޮތުގައި ޑީއެންއޭ ރިޕޯޓް ބޭނުންކުރެވިދާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސްޕްރީމްކޯޓުން މިގޮތަށް ކަނޑައެޅީ ހދ.ކުޅުދުއްފުށީ ފާތުމަތު ޝަމީމާ އޭޕްރިލް 13، 2016 ގަ ވިހެއި ކުއްޖަކީ އޭނާ މުހައްމަދު ތައުފީގާއެކު ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް ފާތިމަތު ޝަމީމާ ބުނާތީއާއި އެ ކުއްޖާގެ ޑީއެންއޭ ދައުވާ ލިބޭ ފަރާތް ކަމަށްވާ މުހައްމަދު ތައުފީގުގެ ޑީއެންއޭ އާ ދިމާވުމާއި ގުޅިގެން ސްޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައެވެ.
މިމައްސަލަ ފުރަތަމަ ބަލާފައިވަނީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. މިމައްސަލަ ސާބިތުނުވާ ކަމަށް އެކޯޓުން ނިންމުމާއި ގުޅިގެން މިމައްސަލަ އިސްތިއުނާފަށް ވަނީ ހުށަހަޅާފައެވެ. އަދި އިސްލާމީ ޝަރީއަތުގައި ވާ ގޮތުން ޒިނޭކުރިކަން ޝަރީއަތަށް ސާބިތުކުރެވޭނީ ޒިނޭކުރި މީހާގެ އިއުތިރާފުން ނުވަތަ މަދުވެގެން ހަތަރު ފިރިހެނުންގެ ހެކިބަހުން ކަމަށް ބުނެ ހައިކޯޓުންވަނީ މިހުކުމަށް ތާއިދުކޮށްފައެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޒިނޭގެކުށް ސާބިތުކުރުމަށް އިސްލާމީ ޝަރިއަތުގައި އޮތް މިންގަޑާއި ހަމަތަކާއި އެ ކުށަށް ކަނޑައެޅިފައިވާ އުގޫބާތް ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާތީ، އިސްލާމީ ޝަރީއަތުގައި ޒިނޭކުރުމުގެ ކުށް ސާބިތުކުރުމަށް އޮތް މިންގަނޑާއި އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެކުށް ސާބިތުކޮށް އުގޫބާތެއް ނުވަތަ އަދަބެއް ވިޔަސް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަނޑައެޅުން ހުއްދަވެގެން ނުވާ ކަމަށެވެ.
އެހެންނަމަވެސް ސްޕްރީމް ކޯޓުގައި މިމައްސަލަ ނިންމާލިއިރު ފާތިމަތު ޝަމީމާ ވިހެއި ދަރިއަކީ މުހައްމަދު ތައުފީޤުގެ ދަރިއެއް ކަމަށް ސާބިތުވެ ޑީއެންއޭ ވަނީ ދިމާވެފައެވެ.