ކުޅިވަރު
ކާއްޑޭ ސްޕޯޓްސް އިން ތަޖުރިބާ ދަތުރު ތަކެއް އަތޮޅު ތެރެއަށް

ގދ.ހޯނޑެއްދޫގައި ހަރަކާތްތެރިވާ ކާއްޑޭ ސްޕޯޓްސް އިން ތަޖުރިބާ ދަތުރު ތަކެއް ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ފަށައިފިއެވެ.

ކާއްޑޭ ސްޕޯޓްސް އެކަޑަމީ އިން ތަމްރީނު ދީ ތައްޔާރު ކުރަމުންދާ ހޯނޑެއްދޫ ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމާއެކު ފުޓްސަލް މެޗްތައް ކުޅުމަށް ދަތުރުތައް ފަށާފައި ވަނީ އަތޮޅުގެ އެހެން ރަށް ތަކުގައި ފުޓްބޯޅަ އަށް ހުންނަ ޝައުގުވެރިކަން އިތުރު ކުރުމަށާއި އެހެނިހެން ރަށް ތަކުން ވެސް ހުނަރުވެރި ކުޅުންތެރިން ފާހަގަ ކޮށް އަތޮޅުން މޮޅު ކުޅުންތެރިންގެ ޓީމެއް ހެދުމުގެ މަޤްޞަދާއެކުކަމަށް އެ އެކަޑަމީ އިން ހާމަ ކުރެއެވެ. އެގޮތުން މިހާތަނަށް ވާދޫ, ފިޔޯރީ އަދި ރަތަފަންދޫ އަށް ދަތުރު ކޮއްފައިވާ ކަމަށް ވެސް ކާއްޑޭ އެކަޑަމީ އިން ހާމަ ކޮއްފައި ވެއެވެ.

13 އަހަރުން ދަށުގެ ޓީމާއެކު އެންމެ ފަހުން ދަތުރެއް ކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދު ގައިއެވެ. ރަތަފަންދޫ އަށް ކުރި މިދަތުރުގައި އެރަށުގެ ޓީމަކާއި އެކު ކުޅުނު މެޗު ކާއްޑެ ސްޕޯޓްސްގެ ޓީމް ވަނީ ކާމިޔާބު ކޮށްފައެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާދަމް ލަރީފް (ރޮނާބެ) ހެޑް ކޯޗް ކަމުގައި ތަމްރީން ކުރަމުންއަންނަ ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ކާއްޑޭ ސްޕޯޓްސް އެކަޑެމީއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޝިޒާން 2 ލަނޑު އަރުޝަވީން އަދި ނައޫޝް، ކޮންމެ ކުޅުންތެރިޔަކަށް އެއް ލަނޑެވެ.

މި ދަތުރުގެ މައުލޫމާތު ހުވަދޫ ނިއުސް އަށް ދެއްވަމުން ކާއްޑޭ ސްޕޯޓްސް އެކަޑެމީގެ ޓެކްނިކަލް ހެޑް އާދަމް ލަރީފް (ރޮނާބެ) ވިދާޅުވީ ރަތަފަންދޫގެ އިތުރުން ތަޖުރިބާ ހޯދުމަށް ކުރި ދަތުރުތަކަށް ހުރިހާ ރަށަކުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އެހެން ރަށް ތަކުން ވެސް މިފަދަ ދަތުރުތައް ކުރުމަށް އެ ދެމުން ދާ ކަމަށެވެ.

ކާއްޑޭ ސްޕޯޓްސް އެކަޑަމީ އިން އިތުރު ދަތުރުތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް އެ އެކަޑަމީ އިން މައުލޫމާތުދެއެވެ.

Comment