އައްޑޫ ފަލައަިން ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ އިތުރު 4 ފްލައިޓް ގެނައުމަށް ހަމަޖެހިއްޖެއެވެ.
“ޕީއެސްއެމް” އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި އެވިޑު ކޮލެޖްގެ ގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ ފްލައިން ސްކޫލްގައި ހުރި އެއްވެސް އެއާކްރާފްޓްއެއް ބޭނުން ނުކުރެވޭކަމަށާއި، އެ އެއާކްރާފްޓްތަށް މަރާމާތު ކުރަން ބޭނުންވާ ސްޕެއާ ޕާޓްސްތައް ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މީގެ އިތުރުން މުޝްތާގް ވިދާޅުވީ މިހާރުވެސް ބައެއް އެއާކްރާފްޓް ތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ލިބިފައިވާކަމަށެވެ. އަދި އަލަށް ގެންނަން ހަމަޖެހިފައިވާ އުޅަނދުތައް ގެނެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގާއި ކަމަށެވެ.
“އަޅުގަނޑުގެ އަމާޒަކީ އެ ދަރިވަރުންނަށް މިކަން ވީ އަވަހަަށްކޮށް ނިންމައި ދިނުން. އަދި އެކުދިން ކުރިއަށް ދިއުމަށް ފުރުސަތު ފަހިކޮށްދިނުން. ހުރިހާ އެންމެން މިވާހަކަތައް ދެއްކީ ސޯޝަލް މީޑިޔާގައި. އަމަލީ މައިދާނަށް ނިކުންނަން ނުކުރެނު އެކަކަށްވެސް. އަޅުގަނޑު ބޭނުންވީ ހާލުގައި ޖެހިފައިވާ އެކުދިން ވެއްޓިފައިވާ އަޑިގަނޑުން ނަގާ މި ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން” – މުޝްތާގް
ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެވިޑް ކޮލެޖުން އެ ސްކޫލް ގަނެ ހިންގުމާ މިހާރު ވަނީ ހަވާލުވެފައެވެ. މިހާރު އޮތްގޮތުން އައްޑުގައި ފްލައިން ސްކޫލް ނުހިންގުނު ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި ދަރިވަރުންނަށް އުފާވެރި ހަބަރެއް މި ހަފްތާ ތެރޭ ލިބޭނެއެވެ.