މަޑަވެލި-ހޯޑެއްދޫ އެއްފަސް ކުރުމަށް ގޮވާލާ މަޑަވެލީ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
މިޤަރާރުގައި ބުނާގޮތުން މަޑަވެއްޔަކީ ބިމުގެ ދަތިކަން ހުރި ރަށަކަށް ވުމާއެކު އެއް ގޯއްޗެއްގައި ގިނަ އާއިލާތައް ދަނީ ދިރިއުޅެމުންނެވެ. ކޮންމެ އާއިލާއަކަށް ވަކިން ދޫކޮރާނެ ގޯއްޗެއް ނެތުމުގެ ސަބަބުން އާއިލާތައް ދިރިއުޅެނީ ވަރަށް ދަތި ހާލުގައެވެ. އެހެންކަމުން މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މަޑަވެލީ ކައުންސިލުން ވަނީ މަޑަވެލި-ހޯޑެއްދޫ އެއްފަސް ކުރުމަށް ގޮވާލާފައެވެ. މިޤަރާރުގައި މަޑަވެލީ ކައުންސިލްގެ 5 މެމްބަރުން ވަނީ ސޮއިކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތައް ނުފުއްދި ލަސްވަމުންދާތީ ރައްޔިތުންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޑަވެލި-ހޯޑެއްދޫ އެއްފަސް ކުރމަކީވެސް އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މިސަރުކާރުގައި އަހަރު ފާއިތުވެގެން ދިޔައިރުވެސް އެމަނިކުފާނުގެ ގިނަ ވައުދުފުޅުތައް އަދި ވަނީ ނުފުއްދިފައެވެ.