ޒިނޭ ވާނީ ޝަރުއީ ޒިނޭއަށް ކަމަށާއި ޒިނޭ ސާބިތުވެއްޖެނަމަ އަދަބު ދޭންޖެހޭނީ ޝަރުޢުގައި އެކަން އޮންނަ ގޮތަށް ކަމަށް އަދާލަތު ޕާޓީގެ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ޝެއިޚް ޒައިދު ކުރި ޓްވީޓެއްގައި ވިދާޅުވަނީ ޤާނޫނީ ޒިނޭ ކިޔާއެއްޗެއް ނޯންނާނެ ކަމަށާއި ދީނުގެ މުޞްތަލަޙުތަކާކުޅެ ހިތަށްއެރި މާނައެއް އެއަށްދިނުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށެވެ. ޒިނޭވާނީ ޝަރުޢީ ޒިނޭއަށް ކަމަށާއި އެ ސާބިތުކޮށް އަދަބްދޭންވާނީ ޝަރުޢުގައި އެކަން އޮތްގޮތަށް ކަމަށް ވިދާޅުވަމުން ޒައިދު ވިދާޅުވަނީ ތަޢުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ ކަމަށެވެ.
"ޤާނޫނީ ޒިނޭ" ކިޔާއެއްޗެއް ނޯންނާނެ! ދީނުގެ މުޞްތަލަޙުތަކާކުޅެ ހިތަށްއެރިމާނައެއް އެއަށްދިނުމަކީ ވ ބޮޑު ނުބައެއް! ޒިނޭއަކީ ޝަރުޢީޒިނޭ! އެ ސާބިތުކޮށް އަދަބްދޭންވާނީ ޝަރުޢުގައި އެކަން އޮތްގޮތަށް! ތަޢުޒީރީ އަދަބުދޭނަމަ ޒިނޭއެކޭ ނުކިޔޭނެ! އެއަށްކިޔާނީ ބަދުއަޚްލާޤީ މައްސަލަ. މިހެން.
— Ali Zaid (@alizaid1000) October 24, 2021
ގާނޫނުލް އުގޫބާތުގެ 411 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ޒިނޭގެ ކުށުގެ އަސްލު އަދަބަކީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުން 100 އެތިފަހަރުން ހައްދު ޖެހުމާ އެކު، ޖަލަށްލުމުގެ އަދަބު ދިނުމަށެވެ. އެހެން ނަމަވެސް އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހަތަރު ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފު ނުލިބެނީސް، ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށްގެން ކުށް ސާބިތު ކުރާ ނަމަ، އެ ހާލަތުގައި ދެވޭނީ ގާނޫނީ އަދަބެއް ކަމަށް އެ މާއްދާގައި ބުނެފައި އޮވެއެވެ.