ޚަބަރު
ގިނަ ބިލްތަކެއް ނުނިމި ލަސްވާތީ މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖުލީހުގައި ނުނިމި ހުރި ބިލްތަކުގެ މަސައްކަތް އަވަސް ކުރާނެ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާކޮށްފިއެވެ.

މަޖުލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ދިރާސާކުރުމުގެ މަސައްކަތް ކުރެވެމުންދާ ބިލުތަކުގެ މަސައްކަތް ނުނިމި ލަސްވަމުން ގޮސް ކޮމިޓީތަކުގެ މަސައްކަތް ގިނަ ވެފައިވާ ކަމަށާއި ވީހާވެސް އަވަހަށް އެބިލްތަކުގެ މަސައްކަތް ނިންމޭނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށެވެ.

ނަޝީދު ހާމަކުރިގޮތުގައި މަޖިލީހުގެ ކޮމެޓީތަކުގައި މިވަގުތު 33 ބިލެއްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެއީ ސަރުކާރުން ފޮނުވި 26 ބިލަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި 7 ބިލެކެވެ.

މީގެ އިތުރުން ނުނިމި ހުރި ބިލްތަކުގެ ތަފްސީލް ވަނީ މިއަދުގެ ޖަލްސާގައި ހާމަކޮށްފައެވެ. އެގޮތުން ބަލާއިރު ވިޔަފާރިތަކާ ގުޅުންހުރި ބިލްތަކާއި އިގްތިސާދީ ކޮމިޓީގައި އޮތް ޗެމްބާ އޮފް ކޮމާސްގެ ބިލާއި، ޖުޑިޝަރީ ކޮމިޓީގައި އޮތް ހެއްކާ ބެހޭ ބިލާއި، އިފްހާސް ކުރުމުގެ ބިލާއި، މަދަނީ އިޖުރާއަތްތަކުގެ ބިލު ވެސް ހިމެނޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޓީގައި ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެއް އޮތް އިރު، ގައުމީ ތަރައްގީގެ ކޮމިޓީގައި ބޯހިޔާވަހިކަމާ ގުޅުން ހުރި ދެ ބިލެއް، އަދި އިޖްތިމާއީ ކޮމިޓީގައި ޖަމިއްޔާތަކުގެ ބިލާއި، ކުޅިވަރުގެ ބިލެއް އޮތް ކަމުގައި އެމަނިކުފާނު ދެންނެވިއެވެ.

މަޖުލީހުގެ މެމްބަރުންގެ މަޝްވަރާޔާއެކު މިބިލްތަކުގެ މަސައްކަތް ނިންމޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަން އެބަޖެހޭކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ. ސަރުކާރުން މަޖިލީހަށް އިތުރު ބިލްތަކެއް ހުށަހަޅަން ބޭނުންވާ ކަމަށާއި ޕެންޑިންގަ ހުރި ބިލްތައް ނިންމުމަށްފަހުގައި ނޫނީ އެމަސައްކަތްތައް ނިންމަން ވަރަށް ދަތިވާނެކަން ނަޝީދު ފާހަނގަކޮށްލިއެވެ.

 

Comment