ޕީޕީއެމް އާއެކު މަސައްކަތް ކުރިނަމަވެސް ޔާމީން އާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާ ސަބަބުތައް ހާމަކުރަން ބޭނުން ނުވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް ފަހު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުގައި ޔާމީން އާއެކު މަސައްކަތް ކުރެއްވިއިރު ވަރަށް ގިނަ ތަޖުރިބާތައް ކުރެވިގެން ދިޔަ ކަމަށާއި ވަރަށްގިނަ ސަބަބުތަކާހުރެ ޔާމީންއާ އެކު މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމް އަށް އަބަދުވެސް ތާއީދުކޮށް އެޕާޓީއާއެކު ކުރިޔަށް އޮތްތާނގައިވެސް މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި އެމްއެންޕީގެ އަސާސްތައް ގަބޫލުކުރާ ކޮންމެ ޕާޓީއަކާ އެކު ވެސް މަސައްކަތްކުރާނެ ކަމަށާއި ކުރީގެ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތްތަކާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.
ވެރިކަމުގައި ހުންނަވައިގެން ޔާމީން ހިންގާފައިވާ ޖަރީމާ ތަކަކީ ނާޒިމް ޤަބޫލުކުރާ ސިޔާސަތެއް ނޫންކަމަށް ބުނަމުން ނާޒިމް ވިދާޅުވީ އެފަދަ ބޭފުޅަކާއެކު މަސައްކަތް ކުރުން އެހާ ރަނގަޅުކަމެއް ކަމުގައި ނުދެކޭ ކަމަށެވެ.
މިނިންމުމަކީ ނާޒިމްގެ އަމިއްލަ ނިންމުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.