ލިމިޓެއްނެތި ރާއްޖެއިން ބޭރުން ވިޔަފާރި ކުރެވޭ ގޮތަށް ބީ.އެމް.އެލް އިން އައު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް ތައާރަފް ކޮށްފިއެވެ.
ބީއެމްއެލްއިން ބުނާގޮތުގައި މިކާޑް ބޭނުންކޮށްގެން ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ މުއާމަލާތް ކުރެވޭނެ ކަމަށާއި ކުރީގެ ކާޑުތަގައި ހުންނަހެން މިކާޑުގައި ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
މިކާޑާއެކު ރާއްޖެއިން ބޭރުން ވިޔަފާރިކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި މޮބައިލް ބޭންކިންގ އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް މިކާޑަށް އެދި ހުށަހެޅިދާނެކަމަށް ބެންކުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކަސްޓަމަރުން މިހާރު ބޭނުންކުރަމުންދާ ކްރެޑިޓް ކާޑް ޔޫއެސް ވިސާ ކާޑަކަށް ބަދަލުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ބެންކުން މިވަނީ ހުޅުވާފައެވެ.
ބެންކުން ބުނާގޮތުގައި މިކާޑަކީ ހާއްސަކޮށް ވިޔަފާރިވެރިންނަށް ވަރަށް ބޭނުންތެރި ކާޑެއް ކަމަށާއި ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށްވެސް ދޫކުރެވޭނެ ކަމަށެވެ.