ގދ.އަތޮޅު ކައުންސިލުގެ ވޮލީ ބޯޅަ މުބާރާތް ކުރިއަށް ގެންދާނެ ބަޔަކަ ހޯދުމަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ.
އެ އިދާރާއިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ވޮލީ މުބާރާތް ކުރިއަށް ގެންދިޔުމަށް ހުޅުވާލާފައިވަނީ އަތޮޅުގެ ރަޖިސްޓްރީ ކުރެވިފައިވާ ޖަމިއްޔާތަކާއި ރަށު ކައުންސިލްތަކަށް އެކަނި ކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑިންގެ ރެގިސްޓްރީ ވުމަށް 27 އޮކްޓޯބަރ ވާ ބުދަ ދުވަހުގެ ހެނދުނު 11 އަކުން ފެށިގެން 8 ނޮވެމްބަރ ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ރެޖިސްޓްރީ ކުރުމަށް މި އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން ބިޑިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ލިޔުމަކުން އެއިދާރާގެ މެއިލް އެޑެރެސް (info@gaafudhaalu.gov.mv) އަށް މެއިލް ކުރުމަށް އެދެއެވެ.
މީގެ އިތުރުން މި އިއުލާނުގައި ބުނެފައިވަނީ މި މުބާރާތުގެ ބިޑް ބަލައިގަތުމާއި، ޕްރޮޕޯސަލް ހުޅުވާލުން އޮންނާނީ އެ އިދާރާގެ މީޓީންގެ ރޫމްގައި ނޮވެމްބަރ 15 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ކަމަށާއި، އޮންލައިންކޮށް ހުށަހެޅޭ ޕްރޮޕޯސަލް ބަލައިނުގަންނާނެ ކަމަށެވެ.
“ގދ.އަތޮޅު ވޮލީ މުބާރާތް 2021” އަކީ ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމަށް ބާއްވާ މުބާރާތެކެވެ.