ކޮވިޑް19 އަށް ޓެސްޓު ކުރުން އިތުރު ކުރުމަށް ގދ. ތިނަދޫއަށް ގެންނަން ހަމަޖެހިފައިވަނީ ދުވާލެއްގެ މައްޗަށް 88 ސާމްޕަލް ހެދޭ ވަރުގެ މެޝިނެއް ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު “އަހުމަދު ސައީދު” ވިދާޅުވީ ކޮވިޑް ޓެސްޓް ކުރަން އެ ހޮސްޕިޓަލަށް ގެންނަން ހަމަޖެހިފައިވާ މެޝިނަކީ ގަޑިއަކު 4 ސާމްޕަލް ރަން ކުރެވޭ ޕޮއިންޓް އޮފް ކެއަރ މެޝިނެއް ކަމަށެވެ.
“މި މެޝިން ލިބުމާއެކު ރަށުން ކޮވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރުވެ, މާލެއަށް ސާމްޕަލް ފޮނުވުމުގެ ބަދަލުގައި ރަށުން ޓެސްޓު ކުރެވޭނެ. މިއީ ރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ލިބޭ އިތުރު ހިތްވަރެއް,” – ސައީދު
މީގެ އިތުރުން ސައީދު ވިދާޅުވީ މި މެޝިން ތިނަދޫއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެގޮތުން ވައިގެ މަގުން މެޝިން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ގެންނަ އެ މެޝިނަކީ ވަގުތީ ގޮތުން ބޭނުން ކުރުމަށް ގެންނަ މެޝިނެކެވެ. އެ މެޝިން ގެނައި ނަމަވެސް ޕީސީއާރު މެޝިން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.