ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 260 އާއިލާއަށް އެހީ ހޯދުމަށް ހިޔާ ފްލެޓްތަކުގެ ރަށްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާ، އާންމުންގެ އެކުވެރި ގުޅުން(އޭއީޖީ) އިން މަސައްކަތް ފަށައިފިއެވެ.
ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނުނިމިގެން 260 އާއިލާއިން އެހީތެރިކަމަށް އެދުމުން އޭއީޖީ އިން ވަނީ އެފަރާތްތަކަށް އެހީ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އޭއީޖީގެ ފައުންޑަރެއް ކަމަށްވާ މިދުއަމް މީޑިޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފްލެޓްތަކުގެ ފިނިޝިންއަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެހީއަށް އެދި ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 260 އާއިލާއިން އެހީއަށް އެދިފައިވާ ކަމަށާއި އެއާއިލާތަކުގެ މިވަގުތުގެ ހާލަތު އޮޅުންފިލުވައި ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން މިހާރު 120 އާއިލާ އާއި ބެހޭ މައުލޫމާތު ހޯދިފައިވާކަމަށް މިދުއަމް ވިދާޅުވިއެވެ.
މިދުއަމް އިތުރަށް ވިދާޅުވީ ވަރަށް ހާލުގައި އުޅޭ 20-30 ވަރަކަށް އާއިލާ އުޅޭ ކަމަށާއި އެފްލެޓްތަކުގެ ފިނިޝިންގއަށް ތިން މިލިޔަނެއްހާ ރުފިޔާ ބޭނުންވާ ކަމަށެވެ.
ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އެކިއެކި ޖަމިއްޔާތަކުގެ ދަނީ އެހީތެރިކަން ފޯރުކޮށްދެމުުންނެވެ. އެގޮތުން އެހީ ޖަމިއްޔާއިން ދަނީ ފައިސާގެ އިތުރުން ތަކެތީގެ އެހީވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދެމުންނެވެ.