ޚަބަރު
ރޭޕްގެ ކުށް ސާބިތުވެ ތިނަދޫ މީހަކަށް 15 އަހަރުގެ ޖަލުހުކުމެއް

ދައުލަތުން އުފުލާފައިވާ ރޭޕްގެ ކުށް ސާބިތުވި ގދ ތިނަދޫ ފިރިހެނަކަށް 15 އަހަރަށް ޖަަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރޭޕްގެ ކުށް ސާބިތުވެ، 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ގދ.ތިނަދޫ / ނިއުލައިފް، ޝެހެޒާދު އަބްދުލްއަޒީޒު އަށެވެ.

މިއަދު ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ޝެހެޒާދުގެ މައްޗަށް އުފުލާފައިވާ ރޭޕްކުރުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާކަމަށެވެ.

ނަމަވެސް އޭނާ ވަނީ ތަހުގީގު މަރުހަލާގައި ބަންދުގައި 50 ދުވަސް ހޭދަކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުކުމުން އެ މުއްދަތު ވަނީ އުނިކޮށްފައެވެ. އެހެންވެ އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 14 އަހަރާއި ދިހަ މަހާއި ދިހަ ދުވަސް ކަމަށް ކޯޓުން މިއަދު ކުރި ހުކުމުގައިވެއެވެ.

މި ދައުވާގެ އިތުރުން ދައުލަތުން އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާވެސް ކޮށްފައިވެއެވެ. ނަމަވެސް އޭނާ އެދައުވާއަށް އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެ ކުށް ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެހެންވެ އެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައެވެ.

Comment