އޭޑީއެޗްޑީ (އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވް ޑިސްއޯޑަރ) އަކީ ކުޑަކުދިންގެ ހެދިބޮޑުވުމުގައި ކުރިމަތިވާ ނިއުރޯ މައްސަލެއްގެ ސަބަބުން ކުރިމަތިވާ ނުކުޅެދުންތެރި ކަމެކެވެ.
އޭޑީއެޗްޑީގެ މައްސަލަ ޅައުމުރުގައި ކުރިމަތިވެ އަދި ހެދިބޮޑުވުން ފުރާފުރިހަމަވެ، ބޮޑު މީހަކަށްވުމުން ގިނަފަހަރު ހައްލުވެގެން ދެއެވެ.
އޭޑީއެޗްޑީ ހުންނަ ކުދިންގެ ކިބައިން އެންމެ ގިނައިން ފާހަގަ ކުރެވޭ މައްސަލަތަކުގެ ތެރޭގައި، ކަންކަމަށް ސަމާލުކަން ދިނުމަށް އުދަނގޫވުމާއި، މާއަވަހަށް ކަންކަމުގައި ގޮތް ނިންމައި ރުޅި އިސްކުރުން ހިމެނެއެވެ. މިފަދަ މައްސަލަ ހުންނަ ކުދިން ދިމާވާ ކަންކަމުގައި، ފަހުން ކުރިމަތި ވެދާނެ ކަމަކަށް ވިސްނުމެއް ނެތި ހިތަށް އެވަގުތު އަރާގޮތަކަށް ކަންތައް ކޮށްލައެވެ. އޭޑީއެޗްޑީ ހުންނަ ކުދިން، އަދަޔާ ޚިލާފަށް ހަލަނިވެ، އެކްޓިވްކޮށް އުޅެއެވެ.
އޭޑީއެޗްޑީ ހުންނަ ކުދިންގެ ކިބައިން ފެނިގެންދާނެ ބައެއް އަލާމާތްތައް
ޅައުމުރުގައި ކުދިން ކުރާ ތަފާތު ކަންކަމަށް ގިނަ އިރު ސަމާލުކަން ދިނުމަކީ އެއްވެސް ކުއްޖަކަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އޭޑީއެޗްޑީ ހުންނަ ކުދިންގެ ކިބައިން މިފަދަ ކަންކަން ފެނުމުގެ ބަދަލުގައި، މިފަދަ އާދަތަށް ދުވަހެއް ދުވަހަކަށް އިތުރަށް ގޯސްވެ، ބޮޑުވެގެންދާކަން ފާހަގަކުރެވެއެވެ. އޭޑީއެޗްޑީ ހުންނަ ކުދިންނަށް ގޭގައި، ސްކޫލްގައި އުޅުމުގައި ތަފާތު އުދަނގޫތައް ކުރިމަތިވުމުގެ އިތުރުން، ރައްޓެހިންނާއި އޮންނަ ގުޅުން ހީނަރުވެ ނެތިގެން ދެއެވެ.
އޭޑީއެޗްޑީ ހުންނަ ކުދިން:
- އެހެން މީހުން ކުރާ ކަންކަމަށް ސަމާލުކަން ނުދެވި އަމިއްލަ ދުނިޔެއެއްގައި އާށޯޚުވެފައި ތިބެއެވެ.
- ގެންގުޅޭ ތަފާތު ތަކެތި އަބަދުވެސް ބޭއްވޭ ތަނެއް ނޭނގިގެން ނުވަތަ ގެއްލިގެން އަބަދުވެސް ހޯދައެވެ.
- މިފަދަ ކުދިން އާދަޔާޚިލާފަށް ގިނައިން ވާހަކަދައްކައެވެ.
- އެއްވެސް ކަމަކާ ނުލައި އާދައިގެ ކަންކަމުގައި ބޮޑެތި ރިސްކު ނެގުމުގެ އިތުރުން، އާދައިގެ ކުދި ކުދި ކަންކަމުގައިވެސް ފަރުވާ ކުޑަވެ، ތަފާތު އޮޅުންތައް އަރައި މައްސަލަ ޖެހެއެވެ.
- ކަންކަމުގައި އަމިއްލަޔަށް ދެކޭގޮތް އެންމެ ރަނގަޅުކަމުގައި ދެއްކުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ.
- މީހުން ވާހަކަ ދައްކާއިރު، ވާހަކައިގެ މެދުތެރެއިން، އެހެން މީހުންގެ ވާހަކަ މެދު ކަނޑާލައި ވާހަކަ ދައްކައި، ފުރުޞަތު ހޯދައި ފުރުޞަތުގެ ބޭނުން ހިފަން ނުދަނެއެވެ.
- އެހެން ކުދިންނާއި، ގާތް ގުޅުމެއް ބާއްވައިގެން އުޅުމަކީ މިފަދަ މައްސަލަތައް ހުންނަ ކުދިންނަށް ފަސޭހަ ކަމެއް ނޫނެވެ.
އޭޑީއެޗްޑީގެ ވައްތަރުތައް:
އޭޑީއެޗްޑީގެ 3 ވައްތަރެއް އެކުލެވެއެވެ. އޭޑީއެޗްޑީގެ ވައްތަރުތަށް ބޭރުފުށަށް ފެންނަ އަލާމާތްތަކަށް ބުރަވެ، ވަކިވަކި ކުދިންނަށް އަސަރު ފޯރުވައި ދިމާވާ މައްސަލަތައް އިތުރުވެގެން ދެއެވެ.
- އިން އެޓެންޓިވް ވުމުގެ އަލާމާތް ފެންނަ
އޭޑީއެޗްޑީގެ އެއްވަތަރަށް ވެފައިވަނީ އިން އެޓެންޓިވް (ކަންކަމަށް އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދިނުން) ގެ އަލާމާތް ހިމެނެއެވެ. މިފަދަ އަލާމާތްތަށް ހުންނަ ކުދިންގެ ކިބައިގައި، އެއްވެސް ތަރުތީބު ކަމުގެ ސިފައެއް ނެތުމުގެ އިތުރުން، ދައްކާ ވަހާކަ ނުވަތަ ދެވޭ އެއްވެސް އިރުޝާދެއް އެބުނާގޮތަށް އަމަލުކުރަން ދަތިވެއެވެ. މިފަދަ ކުދިން ފަސޭހައިން ކުރަމުން އަންނަ ކަންކަމުން ސަމާލުކަން ގެއްލި، އާންމު ދިރިއުޅުމުގައި ކުރާ ބެއް ކަންކަންވެސް ހަނދާން ނެތޭފަހަރު އާދެއެވެ.
- އޭޑީއެޗްޑީގެ އިތުރު ވައްތަރެއްގެ ތެރޭގައި، މާބޮޑަށް ހަލަބޮޅިވުން ހިމެނެއެވެ.
އޭޑީއެޗްޑީގެ މިވައްތަރު ހުންނަ ކުޑަކުދިންނަށް ބަލާއިރު، މާބޮޑަށް އެކްޓިވްވެ، ތާއަބަދު ދުވެ، ފުންމައި، އުސްތަންތަނަށް އެރުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ. ހަނުހުންނަށް އުދަނގޫވެ، ކޮންމެވެސް ކަމެއް ކުރަން މިފަދަ ކުދިން ބޭނުންވެއެވެ. އެހެން މީހުން ދައްކާ ވާހަކައިގެ ތެރެއަށް ވަދެ ވާހަކަ ދެއްކުން އަދި ނުގުޅޭ ހާލަތްތަކުގައި ވާހަކަ ދެއްކުން ފަދަކަންކަން މިވައްތަރުގެ އޭޑީއެޗްޑީ ތަހައްމަލުކުރާ ފަރާތްތަކުގެ ކިބައިން ފެނިގެން ދެއެވެ. ދެވޭ އިރުޝާދު އަޑުއެހުމާއި، އެއާއި އެއްގޮތަށް އަމަލުކުރުމާއި، ފުރުޞަތު ހޯދައިގެން ވާހަކަ ދެއްކުމަކީ އުދަނގޫ ކަމެކެވެ. މިބާވަތުގެ އޭޑީއެޗްޑީ ހުންނަ ކުދިން އެހެން ކުދިންނަށްވުރެ ގިނައިން ތަފާތު އަނިޔާތަށް ލިބި، އެކްސިޑެންޓްތަކާއި ކުރިމަތިލާން ޖެހެއެވެ.
- ކަންކަމުގައި ސަމާލުކަން ނުދެވުމާއި، މާބޮޑަށް ހަލަބޮލިވުން މި ދެބާވަތުގެ އަލާމާތްތައް ފެންނަ
އޭޑީއެޗްޑީގެ 3 ވަނަ ވައްތަރުގައި އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި، ކުރިން ބުނެވުނު 2 ވައްތަރުގެ އަލާމާތްތައް އެއްކޮށް ފެނެއެވެ. އޭޑީއެޗްޑީގެ އަލާމާތްތަށް ވަގުތާއި އެކު ގިނަފަހަރު ބަދަލުވެއެވެ.
އޭޑީއެޗްޑީގެ މައްސަލަ ކުރިމަތިވާ ސަބަބުތައް:
އޭޑީއެޗްޑީ މައްސަލަ ސީދާ ކުރިމަތިވާ ސަބަބެއް އަދީ ހޯދިފައި ނުވެއެވެ. ދިރާސާކުރާ ފަރާތްތައް އަންނަނީ މި ސިއްޚީ މައްސަލަ ބަލައި ދިރާސާ ކުރަމުންނެވެ. އެންމެ ފަހުގެ ދިރާސާތަކުން އެނގިގެންދާގޮތުގައި، އޭޑީއެޗްޑީ ކުރިމަތިވުމުގައި ޖެނެޓިކްސް މުހިންމު ރޯލެއް އަދާކުރެއެވެ.
ދިރާސާކުރާ ފަރާތްތައް ލަފާކުރާ ގޮތުގައި، ޖެނެޓިކްސްގެ އިތުރުން އިތުރު ރިސްކް ފެކްޓާސްތަކެއް އެކުލެވޭ ކަމަށް ބަލައި ދިރާސާކުރެވޭ ބައެއް ކަންކަމުގެ ތެރޭގައި
- ސިކުނޑިއަށް ލިބޭ ގެއްލުން
- މާބަނޑު ދުވަސްވަރު، ވަށައިގެންވާ މާހައުލުން ކުރިމަތިވާ ތަފާތު ކަންކަން ނުވަތަ ޅައުމުރުގައި ކުރިމަތިވާ ތަފާތު ކަންކން
- މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިޢުމާލުކުރުން ނުވަތަ ޑްރަގް ބޭނުންކުރުން
- ދުވަސްނުފުރާ ވިހެއުން
- ވިހާއިރު، އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން
އޭޑީއެޗްޑީ ކުރިމަތިވާ ބައެއް ސަބަބުގެ ގޮތުގައި ބައެއް ފަރާތްތަށް ނަންކުރާ ބައެއް ސަބަބުތައް ދިރާސާކުރާ ފަރާތްތައް ދޮގު ކުރެއެވެ. މިފަދަ ސަބަބުތަކުގެ ތެރޭގައި،
- މާގިނައިން ހަކުރު ބޭނުންކުރުން
- މާގިނައިން ޓީވީ ބެލުން
- ހާސްކަން ބޮޑު މާހައުލުގައި ހެދި ބޮޑުވުން
މިފަދަ ކަންކަމާއި އޭޑީއެޗްޑީ އާއި އެއްވެސް ގުޅުމެއް ނުވާކަމަށް ދިރާސާ ކުރާ ފަރާތްތައް ބުނެއެވެ. ނަމަވެސް އެފަރާތްތަކުންވެސް އެއްބަސްވާ ގޮތުގައި، މިފަދަ ސަބަބުތަކާއި ގުޅިގެން އޭޑީއެޗްޑީގެ މައްސަލަ ބައެއް ފަރާތްތަކަށް އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިފަދަ ސަބަބުތަކުގެ ސަބަބުން އޭޑީއެޗްޑީ ކުރިމަތިވާކަން ސާބިތުވާ އެއްވެސް ހެއްކެއް ހޯދިފައި ނުވެއެވެ.