ޚަބަރު
އެއްހާސް މީހުން ހަމަނުވާ ރަށްތަކުން މީހުން ބާލަންވީ: ޖާބިރު

އެރަށެއްގެ އާބާދީގެ 1000 މީހުން ހަމަނުވާ ރަށްތަކުން މީހެން ބޭލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖުލީހުގައި މިއަދު ބޭއްވުނު ޖަލްސާގައި ފުލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މައްސަލާގައި އެންވަޔަރަމަންޓް ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ބަހުސްގައި، ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އާބާދީ އެއްހާސް މީހުން ހަމަނުވާ ރަށްތަކުން މީހުން ބޭލުމަށާއި ރާއްޖޭގައި ހަތަރު ސިޓީ ތަރައްޤީ ކުރުމަށްފަހު އެސިޓީތަކުގައި މީހުން ދިރިއުޅެވޭގޮތަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ބައެއް ރަށްތައް އަންނަން އޮތް ޖީލުތަކަށް ބެހެއްޓުމަށްފަހު ދެންހުރި ރަށްތައް ސިޓީއަކަށް ބަދަލުކޮށްގެން ދައުލަތަށް އާމްދަނީ ހޯދިދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

“އިންސާނުން ދިރިއުޅެން ހަތަރު ސިޓީއަކަށް ގައުމު ބަދަލު ކުރަން ޖެހޭ، ބައެއް ރަށްރަށް އެބަ ޖެހޭ އަޅުގަނޑުމެން އަންނަން އޮތް ޖީލުތަކަށް ވެސް ބާއްވަން، އެހެންވީމަ 1000 މީހުން ހަމަނުވާ ރަށްތަކުން އެ މީހުން ބާލަންވީ،” ޖާބިރު ވިދާޅުވިއެވެ.

ރާއްޖެ ސަލާމަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އަތުގައި ކަމަށާއި އަސްކަރިއްޔާގެ ބޭނުން މިކަމުގައި ނުހިފުމަށް ޖާބިރު ގޮވާލިއެވެ. އަދި ރާއްޖެއަކީ އެހެން ޤައުމުތަކަށްވުރެ ކުޑަ ޤައުމަކަށްވާތީ ރާއްޖެ އަޑިޔަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން އަޑިޔަށް ނުދާނެ ތަނެއް ދިވެހިން އުޅުމަށް ހޯދަންޖެހޭ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

 

Comment