ދެއަންބަށް އިންނަން އެހުމުން އާނާ ދިންޖަވާބަކީ “އަހަރެން ހާލުގައި ޖެހުނުދުވަހު އަހަންނަށް އެހީވި އެކަކީ ދީމާ. އަހަރެން ދުވަހަކުވެސް ދީމާއަށް ދެރައެއް ދޭކަށް ބޭނުމެއްނުން. ސޮރީ” އެވެ. އެހިސާބުން ނަބީލް އާނާއާ ދުރުވީއެވެ.
އާނާގެ ދިރިއުޅުމުގައި ކަންތައްތައް ޝެއާކޮށްލާނެ ރަގަޅު ރައްޓެއްސެއް ނެތުމުން އާނާ ހުސްވަގުތުގެ ބައިވެރިޔަކަށްވީ ފޭސްބުކްއެވެ. އާނާގެ ފޭސްބުކް ފްރެންޑްސް ވަރަށް ގިނައެވެ. ރޭގަޑު ގިނަވަގުތު އާނާ ހޭދަކުރަނީ ފޭސްބުކްގައެވެ.
އާދައިގެމަތިން އާނާ މަސައްކަތް ނިންމާފަ ގެޔަށް އައިސް ނިދަން ޖައްސާލަމުން ފޭސްބުކް ބަލާލިއެވެ. ކޮންމެދުވަހަކުވެސް އާނާއަށް ފްރެންޑް ރިކުއެސްޓެއް ނުއިންނަ ދުވަހެއް ނާދެއެވެ. އެގޮތުން މިއަދު ރިކުއެސްޓް ފޮނުވާފައި އޮތީ ވަރަށް ދަންނަ މީހެކެވެ. ޕްރޮފައިލް ހުޅުމުވަށްފަހު އެއީ ކާކުތޯ ބަލާލިއެވެ. ނަމަވެސް ފޮޓޯއެއް ލާފައި ނެތުމުން އެއީ ކާކުކަމެއް ނޭގުނެވެ. ދަންނަ ނަމެކެވެ. އާނާއެކު އޮފީހުގައި އުޅޭ ކުއްޖަކުހެން ހީވިއެވެ..އެހެންކަމުން އެރިކުއެސްޓް ގަބޫލުކުރީއެވެ.
އެދުވަހުން ފެށިގެން އާނާގެ ކަމަކަށް އޮންނަނީ ކިރިޔާވެސް ވަގުތެއް ލިބޭއިރަށް އޭނައާ ޗެޓްކުރުމެވެ. ވާހަކަދެއްކުމުން އެގުނީ އެއީ އާނާ ހީކުރި މީހާނޫންކަމެވެ. އެހެންނަމަވެސް ގަޔާވާކަހަލަ ގޮތެއް ހުންނާތީ ވާހަކަ ދައްކަނީއެވެ. އާނާގެ ފޮޓޯ އޭނައަށް ފެނުނުކަމުގައިވިޔަސް އޭނަގެ ފޮޓޯއެއް އާނާއަކަށް ނުފެނަނާނެއެވެ. އާނާ އެދުނީ ކުރިމަތިން ފެނިލުމަށެވެ. އެގޮތުގެ މަތިން ދެމީހުން ބައްދަލުކުރަން ނިންމިއެވެ.
ދެމީހުން ބައްދަލުކުރަން ނިންމާފައި އޮތީ ރެސްޓޯރެންޓަކުންނެވެ. އާނާދިޔައީ އެކުވެރި ސާރާ ގޮވައިގެންނެވެ. ސާރާއަކީ އާނާގެ އޮފީސްކުއްޖަކަށްވެފައި އެންމެ ގާތް އެކުވެރިޔާއެވެ. އެދެކުދިން ރެސްޓޯރެންޓްގެ މޭޒެއްކައިރީ ވާހަކަ ދައްކަން ތިއްބާ މީހަކު އައިސް އެމޭޒުގައި ޖައްސާލިއެވެ. ނުވެސް ދަންނަ މީހެކެވެ.
” އަހަންނަށް ކިޔަނީ ދީމް!” އެމީހާ އަމިއްލައަށް ތައާރަފްވެލިއެވެ.
“އަހާ ދީމް. ނުވެސް އެގުނު. މީ ސާރާ. އަހަރެންގެ ރައްޓެއްސެއް.” އާނާ ސާރާވެސް ތައާރަފްކޮށްލިއެވެ.
“އެއްޗަކަށް އޯޑަރުކުރަމާ!” ދީމް ބުނެލިއެވެ.
ގާތްގަޑަކަށް ގަޑިއެއްހާއިރު ވާހަކަދައްކަންތިބެފައި އާނާ އާއި ސާރާ ދިޔައީ އޮފީހަށް ދާންޖެހިގެންނެވެ.
” ދީމް. އަހަރެމެން ދަނީ. އެބަޖެހޭ އޮފީހަށް ވަދެލަން. އަދި ފަހުން ދިމާވާނެ.” މިހެންބުނެފައި އާނާ ދިޔަތަން ބަލަން ދީމް އިނީ ކަޅިޖަހާނުލާއެވެ.
ދުވަހެއް ދުވަހެއް ފާއިތުވަމުންދިޔަވަރަކަށް އާނާއާއި ދީމްގެ ރަހުމަތްތެރިކަން ބަދަހިވަމުން ދިޔައެވެ.
ސާރާ އުޅޭ އެޕާޓްމެންޓް ދޫކުރަންޖެހިގެން ސާރާ މިހާރު ހުންނަނީ އާނާ ހިފާފައި ހުންނަ ތަނުގައެވެ. އެހެންކަމުން އާނާއާއި ސާރާ ގާތަށް މަދުމަދުން ދީމް އަންނަންފެށިއެވެ.
މިގޮތަށް އައިސް އުޅުމުގައި ދީމް ސާރާ ލައިކްވާކަމާއި ސާރާ ކައިރިން ރައްޓެހިވާން އެހިކަން އާނާއަށް އެގުނެވެ. އާނާ ވަރަށް އުފާވިއެވެ. ދީމް ކަހަލަ ރަގަޅު ބައިވެރިއެއް ސާރާއަށް ލިބުނީމައެވެ. ދީމްއާއި ސާރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ދީމް ގިނަވަގުތު އުޅެނީ އެގޭގައެވެ.
އެއްދުވަހު އާނާއާއި ސާރާ އަދި ދީމް ތިބީ ޓީވީ ބަލަން ސިޓިންރޫމްގައެވެ. މީހަކު ދޮރުގައި ޓަކިޖެހިއަޑަށް އާނާ ގޮސް ދޮރުހުޅުވިއެވެ.
“ނަބީލް!” އާނާ ވި އުފަލެއްގެ ބޮޑުކަމުން ނަބީލްގެ ގައިގައި ބައްދައިގަތެވެ. މަންޒަރު ބަލަން ދީމްއާއި ސާރާ ތިއްބެވެ.
“ސަޕްރައިޒް!” ނަބީލް އެތެރެއަށް ވަންނަމުން ބުނެލިއެވެ.
” އަހަ ނަބީލް! ކޮންދަތުރެއް؟” ސާރާ ބުނެލިއެވެ.
” މީހަމަ އާނާ ގާތަށް ޖައްސާލީ. ނުގުޅާތާ ވެސް ދެމަސްވަނީ ވިއްޔާ. މީ މީނަ އުޅޭގޮތް ގުޅާލަންވެސް ނުކެރޭ. ދޯ އާނާ”
” ނަބީލް ކިހިނެއްވާނީ އެންމެ ފަހަރަކުވެސް ގުޅާލިއްޔާ. ހަމަ އަހަރެންތަ ގުޅަންޖެހެނީ. ސައި ބޮއެފިންތަ؟” އާނާ ސައިހަދަމުން އަހާލިއެވެ.
” އާނާ އަތުން ސައިބޯންވެގެން މިހުންނަނީ އަދި ހުސްބަޑާ.” ބަޑުގައި އަތްއުގުޅާލަމުން ނަބީލް ބުނެލިއެވެ.
” އާދޭ ސައިބޯން. ސާރާވެސް އާދޭ ދީމް ގޮވައިގެން.” އާނާ ސައިހަދާ ނިމްމާފަ ސައިބޯން ގޮވާލިއެވެ.
“އަހަރެން ސައިބޯނީ އަދި ފަހުން. ދީމް ދޭބަލަ ނަބީލްއާއެކީ ސައިބޯން” ސާރާ މިހެންބުނުމުން ދީމް ގޮސް ސައިބޯން އިށީނެވެ.
އާނާ އަތުން ނަބީލްއަށް ކާންދިން މަންޒަރު ބަލަން ދީމް އިނީ ފެންކަޅިވެފައެވެ. އެހެންއިދެފައި ސާރާއަށް ބަލާލިއެވެ. ސާރާއިނީ ޓީވީއަށް ގެއްލިފައެވެ. ނަބީލް ސައިބޮއި ނިންމާފައި ގޮސް އާނާގެ ކޮޓަރިއަށް ވަދެ ޖައްސާލިއެވެ. ދީމް އިނީ ސާރާ ކައިރީ ޓީވީ ބަލާށެވެ. ދީމްގެ އެއްވެސް ކަމެއް ސާރާ ނުބަލައެވެ. އަޅާވެސްނުލައެވެ. ގިނަކަންތައް ބަލައްޓަނީ އާނާއެވެ. އެހެންވެ ސާރާއަށްވުރެ ދީމް އާނާއާ ކައިރިއެވެ.
އާދައިގެ މަތިން ދުވަހެކެވެ. އާނާ އޮތީ ނިދުމުގެ ކުރިން ފޭސްބުކްއަށް ވަދެއެވެ. އެހެން އޮތްވާ ދީމްގެ މެސެޖެއް ލިބުނެވެ.
” ވަރަށްބޮޑަށް ނޭވާހާސްވެގެން ސަކަރާތްވާތީ މިއުޅެނީ. ސާރާއަށް ގޮވައިދީފާނަންތަ؟” މެސެޖް ފެނުމުން އާނާ ސާރާއަށް ގޮވަންދިޔައެވެ. ސާރަގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށުމުން ސާރާ ލޯއުގުޅަމުން އައިސް ދޮރުހުޅުވިއެވެ.
“ކިހިނެއްވީ؟” ސާރާ ނިދިފަހުރެ ލޯއުގުޅަމުން އަހާލިއެވެ.
“ދީމް އެބަގުޅާ. ފޯނުނަގާފަ ވާހަކަދައްކަބަލަ. އޭނަ ވަރަށް ބޮޑަށް ބަލިވެ އުޅެނީ!”
“އަޅާނުލާ ބަހައްޓާ! އޭނަޔާހުރެ ހަމައަށް ނިދޭވަރެއް ނޫން. ބަހައްޓާ!” ސާރާ މިހެންބުނެ ދޮރު ލައްޕާލިއެވެ.
އާނާ ވަރަށް ދެރަވިއެވެ. ސާރާއަކީ ދީމްގެ ލޯބިވެރިޔާއަށް ވީއިރުވެސް އޭނައަށް އަޅާނުލާތީއެވެ. ސާރާ އެހެންބުނިވާހަކަ އާނާ ދީމް ކައިރީ ކިޔައިދިނެވެ. ދީމް އެކަމާ ވަރަށް ދެރަވެ ރޮއިހެދިއެވެ. އޭނަ ބަލިވުމުން އޭނައަށް އަޅާނުލާ މީހަކު އޭނަގެ ހަޔާތުގެ ބައިވެރިއަކަށް ނަހަދަން އެރޭ ދީމް ނިންމިއެވެ. އެރޭ ހަތަރުދަމު އާނާ އޮތީ ދީމް އަށް މެސެޖްކުރާށެވެ. އޭނަ އެހާލަށް ދޫނުކުރަންވެގެންނެވެ.
އޭގެ ދެތިންދުވަސްފަހުން އާނާއަށް ފާހަގަކުރެވުނީ ސާރާ އޭނަޔާ އެހާ ރަގަޅަށް ވާހަކަ ނުދައްކާ ކަމެވެ. ދުރުދުރުން އުޅޭކަމެވެ.
“ސާރާ! ރުޅިއައިސްސަތަ ތިއިންނަނީ! ކީއްވެ އަހަންނާ ވާހަކަ ނުދައްކަނީ!” ސާރާ ޓީވީ ބަލަންއިންދާ އާނާ އަހާލިއެވެ.
ސާރާ އަޅާވެސްނުލާ ނުކުމެގެން ދިޔައީއެވެ. ސާރާ މިގޮތަށް ކަންތައްކުރުމުން އާނާ ވަރަށްދެރަވިއެވެ.
މިހާރަކަށް އައިސް ދީމް ގިނައިން އަންނަނީވެސް ސާރާ ގޭގައި ނޫޅޭ ވަގުތުތަކުގައެވެ. ސާރާ އުޅުނަސް ގިނައިން ވާހަކަދައްކާ އުޅެނީ އާނާއާއެވެ. އާނާ މަސައްކަތްކުރާއިރު އާނާއަށް އެހީތެރިވެދީ އާނާއާއެކު މަޖާކުރާތަން ރުޅިވެރިކަމާއެކު ސާރާ ބަލަހައްޓައިގެން ހުރެއެވެ.
“ކަމެއްގެ ބަދަލުހިފަންތަ ތިއުޅެނީ!” ރުޅިވެރިކަމާއެކު ސާރާ އަހާލިއެވެ.
ސާރާ މިހެންބުނުމުން އިސްތިރިކުރަންހުރި އަނާ ހައިރާންކަމާއެކު ސާރާއަށް ބަލާލިއެވެ.
” ބަދަލުހިފާށޭ! ކޮންކަމަކާ އަހަރެން ބަދަލުހިފަންވީ؟”
” ނަވާލް އާ އާނާ ބްރޭކަޕްވާން ޖެހުނީ އަހަންނާހެދިކަމަށް އާނާ ގަބޫލްކުރާތީތާ ތިގޮތަށް ބަދަލުތިހިފަނީ” ސާރާ ވާޙަކަދައްކާގޮތުން އޭނަހުރީ ރުޅިއައިސްފަކަންއެގެއެވެ.
“ނަވާލްއޭ! އަހަރެން ކީއްކުރަން ނަވާލް ކުރިކަމަކުން ސާރާ ބްލޭމްކުރަންވީ! އަހަރެން އެއްވެސް އިރެއްގަ ސާރާ ބްލޭމްނުކުރަން. ދެންކޮންކަމެއްގެ ބަދަލު އަހަރެން ހިފަންވީ. ކީކޭ ސާރާ ކިޔަންތިއުޅެނީ!” އާނާ ގާތަށްވެސް ރުޅިއައެވެ.
“މިދައްކަނީ ދީމްގެ ވާހަކަ. އާނާ އަހަރެންގެ އަތުން ދީމް ޖަހައިގެންފި.”
“ސާރާ! ސާރާއަށް އެގޭތަ ތިކިޔަނީ ކީކޭކަން. ދީމްއަކީ އަހަރެންގެ ވަރަށްގާތް ރަހުމަތްތެރިއެއް. ދެޓްސްއޯލް! އަހަރެމެންގެ ދެމެދު ތިބުނާކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ. ސާރާއަށް ތިހެން ނުބުނެވޭނެ.” އިސްތިރިކުރަން ގެންގުޅުނު އިސްތިރި ނަގާފަ އެއްލާލަމުން އާނާ ބުނެލިއެވެ.
އާނާ އިސްތިރި އެއްލާލުމުން ސާރާ ޖެހިލުންވެސްވިއެވެ. އެކަމަކު ހުއްޓައެއްނުލައެވެ.
“އާ. ގުޅުމެއް އޮވޭ. އަހަރެން ގަބޫލެއް ނުކުރާނަން. އަހަރެން ހުއްޓަސް ދީމް މިގެޔަށް އައިއްޔާ އާނާ އެކުގަ ޓައިމް ސްޕެނޑްކުރަނީ އެކަމަކު އަހަރެންމީ އޭނަގެ ލޯބިވެރިޔާ އޯ! އެވެސް ނަމުގަ.”
“ސާރާ! ދެންހުއްޓާލާ! ލޯބިވެރިންނަކީ އެކަކު އަނެކަކު ބަލިވީމަ އަޅާލާ ލޯބިދޭ މީހުން. ދީމް އެންމެ ބަލިވިދުވަހު އޭނަ އެންމެ އަޅާލުން ބޭނުންވި ދުވަހު ސާރާ އޭނަޔަށް އަޅާލިންތަ؟” އާނާ ބުނެލިއެވެ.
“އެއީ އަހަރެންގެ މައްސަލައެއް. އާނާއާ ބެހޭ ކަމެއްނޫން.” ސާރާ މިހެންބުނެފަ ގޮސް ކޮޓަރީގެ ދޮރު ބަންލާފަ ޖަހާލިއެވެ. އާނާ އެބުރި ބަލާލިއިރު ގޭގެ ދޮރުމަތީ ދީމް ހުއްޓެވެ.
(ނުނިމޭ)