ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖުލީހުގެ ދަނގެތީ ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ރަޖިސްޓްރީ ކުރެވުނު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
އެގޮތުން އެމްއެންޕީގެ ޕީޖީ ގުރޫޕުގެ ލީޑަރަކަށް ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު އަދި ޑެޕިއުޓީ ލީޑަރަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ އައްޔަން ކުރައްވާފައެވެ.
އެމްއެންޕީގެ އެގްޒެކެޓިވް ކައުންސިލްގައި ތިއްބަވާ 30 މެމްބަރުންވެސް މިހާރުވަނީ އިންތިޚާބްކުރެވިފައެވެ.
މިދިޔަ ހޯމަ ދުވަހު ރަޖިސްޓްރީ ކުރެވިގެންދިޔަ މިޕާޓީގެ އިސްލީޑަރުންގެ ގޮތުގައި ފެނިގެން ދިޔައީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުގައި ޔާމީން އާއެކު މަސައްކަތް ކުރެއްވިއިރު ވަރަށް ގިނަ ތަޖުރިބާތައް ކުރެވިގެން ދިޔަ ކަމަށާއި ވަރަށްގިނަ ސަބަބުތަކާހުރެ ޔާމީންއާ އެކު މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމް އަށް އަބަދުވެސް ތާއީދުކޮށް އެޕާޓީއާއެކު ކުރިޔަށް އޮތްތާނގައިވެސް މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި އެމްއެންޕީގެ އަސާސްތައް ގަބޫލުކުރާ ކޮންމެ ޕާޓީއަކާ އެކު ވެސް މަސައްކަތްކުރާނެ ކަމަށާއި ކުރީގެ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތްތަކާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.