އައްޑޫ ސިޓީގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރުމާއި ގުޅިގެން ފުލުހުން އެމައްސަލަ ތަހުޤީގުކުރަން ފަށައިފިއެވެ.
ރޭ ދަންވަރު 2:30 އެހާކަންހާއިރު އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 81 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހާއަށް އަނިޔާކޮށްފައިވާ ކަމަށް ލަފާކުރެވޭ ނިޝާންތަކެއް އެމީހާގެ ހަށިގަނޑުގައި ފެންނަން ހުރުމުން އާއިލާއިން ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.
ފުލުހުން ވިދާޅުވީ ކޮވިޑް ޖެހިގެން އައްޑޫ ސޓީއިން ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ހުރިކަމަށްބުުނެ އާއިލާއިން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ. މިމައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ހަލުވިކަމާއެކު އައްޑޫ ސިޓީގައި ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. އެގޮތުން މިމަހު އެކަނިވެސް ކޮވިޑް ޖެހިގެން އައްޑޫ ސިޓީއިން 5 މީހަކު ވަނީ ނިޔާވެފައެވެ.
ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހުންނަށް އަނިޔާ ކުރާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން މިދިޔަ މެއި މަހު ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ދުވަސްވީ ބަލި މީހަކަށް އޭނަގެ އެހީތެރިޔަކަށް ހުރި މީހަކު އަނިޔާކުރާ ވީޑިޔޯއެއް މީސްމީޑިޔާގައި ވަނީ ދައުރުވެފައެވެ. މިމައްސަލައިގައި ފުލުހުން ވަނީ އެހީތެރިޔާ ހައްޔަރުކޮށްފައެވެ.