ރިޕޯޓް
އަނާގެ “ބްލިސްފުލް ބައިޓްސް” ހަމަ ވަރަށްވެސް ތަފާތު

އެކަނިވެރި މަންމައިންގެ ތެރެއިން ގިނަ މައިންނަކީ އެމީހުންގެ އެކަނިވެރި ކަމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ، ދިރިއުޅުމަށްޓަކާ ބޮޑު ގުރުބާނީތަކެއް ވާބައެކެެވެ. ދަރިންގެ މުސްތަޤްބަލަށްޓަކާ ދުނިޔަވީ ގިނަ އުފާތަކުން މަޙްރޫމްވެގެން ތިބެ ނަފްސަށް އަރާމެއް ދިނުމަށް ބެލުމެއް ނެތި އާމްދަނީ ހޯދުމުގައި ވަގުތު ހޭދަކުރާ ބައެކެވެ.

ދިވެހިރާއްޖެއަށް ބަލާއިރުވެސް މިފަދަ މައިން މަދެއް ނޫނެވެ. ގދ ތިނަދޫ, އާބަހާރުގެ, އާމިނަތު އަނާ ޝަފީޤް އަކީ މިދެންނެވިފަދަ މައެކެެވެ. 3 އަހަރުގެ ދަރިއަކު ބަލަމުން ދިރިއުޅުމަށް ކުރާ ބުރަމަސައްކަތުގައި ސާބިތުވެ ހުރި އުމުރުން އެންމެ 23 އަހަރުގެ ހިތްވަރުގަދަ މައެކެވެ. ކޭކު އެޅުމުގެ ޝައުގުވެރިކަން އުފެދި އެދާއިރާއިން ކުރިއަށް ދިއުމަށް ވިސްނައި އޭގެ މައުލޫމާތު ހޯދައި މަސައްކަތް ދަސްކުރަމުންދިޔަ ކަނބަލެކެވެ. އެގޮތުން ޔޫޓިއުބް ބެލުމާއި ގޭތެރޭގައި މަންމަމެންގެ ފަރާތުން އެހީ ހޯދައި ކުރިއެރުމަށް މަސައްކަތް ކުރިއެވެ.

“އަޅުގަނޑު އަބަދުވެސް ވަރަށް ކުރާ ހިތްވާކަމެއް ކޭކު އެޅުމާއި ޑެޒަރޓްސް ހެދުން. އެހެންވެ ވަރަށް ބޮޑަށް އެކަން ކުރާނެ ގޮތުގެ މައުލޫމާތު ހޯދަން. ވަރަށް ކުޑައިރުވެސް ހިތަށްއަރާ މޮޅު ކޭކު އެޅުންތެރިއަކަށް ވާން.” އަނާ ބުންޏެވެ.

ކޭކު އެޅުމުން މޮޅު މީހަކަށްވާން އުންމީދުކުރި އަނާ ވަނީ ކޭކު އަޅަންވެސް ދަސްކޮށް ތަފާތު ކޭކުތައް ރައްޓެހިންނާ އާއިލާ މީހުންނަށް ހަދިޔާކޮށްފައެވެ. އެގޮތުން ކުޑަކުދިންގެ އުފަންދުވަހަށް ޚާއްސަ ކޭކާއި ވެޑިން ކޭކުވެސް އޭނާވަނީ އަޅާފައެވެ.

އަނާ ވަނީ އޭނާ ޝައުގުވެރިކަމެއްގެ ގޮތުގައި ނުވަތަ ހޮބީއެއްގެ ގޮތުގައި ކުރި މަސައްކަތަށް ތަފާތު ކުލައަކާއި ރަހައެއް ގެނެސްފައެވެ. އެއްވެސް މީހެއްގެ ޚާއްސަ އެހީތެރިކަމެއް ނުލިބި ފެށި މަސައްކަތަށް ވިޔަފާރީގެ ވިސްނުން ގެނެސް ކުރިން ގެންގުޅުނު އުފަންދުވަހާއި އެކި ހަފްލާތަކަށް ކޭކުއެޅުން ކުޑަކޮށް ފަހަތަށް ޖައްސައި ޑޯނަޓްސް، ޗީޒް ކޭކް، ކްރީމް ކޭކު، ސިނަމަން ރޯލްސް ފަދަ ޑެޒަޓްސް އަށް މަސައްކަތް އަމާޒުކޮށްފައެވެ.

“ޑެޒަރޓްސް އަށް ވިސްނުން ބަދަލުކުރީ ވިޔަފާރިކޮށް ރަގަޅު ނަފާއެއް ހޯދުމުގެ ވިސްނުމުގައި. އަނެއްކާ ދަރިފުޅަށްވެސް ވަގުތު ދޭންޖެހޭތީ.” ބެޗްލާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކިޔަވަމުންދާ އަނާ ބުންޏެވެ.

“ބްލިސްފުލް ބައިޓްސް” ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގަމުން، ތައްޔާރުކުރާ ތަކެތި ޕޭޖުގެ ޒަރިއްޔާއިން މީހުންނާ ހަމައަށް ފޯރުކޮށްދޭ އަނާ މަސައްކަތް ފަށަނީ އޯޑަރަކަށް ނޫނެވެ. ހެނދުނު ދަރިފުޅު ސްކޫލަށް ގެންގޮސްފަ އައިސް އޭނާ ތައްޔާރުކޮށްލަނީ ކޮންމެވެސް ކާއެއްޗެކެވެ. އޭގެ ފަހުގައި ވައިބަރ ގުރޫޕަށް ނުވަތަ ފޭސްބުކް ޕޭޖަށް އޭގެ ފޮޓޯތައް ލަނީއެވެ. އެހިސާބުން އެފެށުނީ އަނާގެ އޯޑަރުތަކެވެ. އޯޑަރަކަށް ފަހު އޯޑަރެކެވެ. އެކި ވައްތަރުގެ ކޭކާއި ޑޯނަޓްގެ އޯޑަރުތަކެވެ. ދުވާލު އެއްކޮށްހެން އޭނާގެ ކަމަކީ އެމަސައްކަތުގައި އުޅުމެވެ.

“އޯޑަރުތައް ލިބެން ފައްޓަނީ ކޮންމެވެސް އެއްޗެއް ހަދާފަ އަޕްކޮށްލުމުން.  އެގޮތަށް ފޮޓޯތައް ސްޓޯރީއަށް ލީމަ ވަރަށް ގިނަ އޯޑަރު އާދޭ. އަބަދުވެސް ބަލަނީ އެއްވެސް އޯޑަރެއް މިސް ނުކޮށްވޭތޯ” ބައެއް އޯޑަރުތައް ނިންމާފަ އަމިއްލައަށް ޑެލިވަރީވެސް ކޮށްދޭ އަނާ ކިޔައިދިނެވެ.

އަނާ ބުނި ގޮތުގައި އޭނާ ވިޔަފާރިއެއްގެ ގޮތުގައި މަސައްކަތް ފެށި އިރު ހީވީ މިއީ އެހާ އާމްދަނީ ލިބޭނެ މަސައްކަތެއް ނޫން ކަމުގައެވެ. ނަމަވެސް ދުވަހެއް ދުވަހަަކަށް އޭނާއަށް ހީވިގޮތާ މުޅިން ޚިލާފަށް ދިޔައީ އާމްދަނީ އިތުރުވަމުން ކަމުގައި އަނާ ބުންޏެވެ.

“މިހާރު މިމަސައްކަތް ފުލްޓައިމްގައި ކުރާތާ ފުދޭ ވަރަކަށް ދުވަސް ވެއްޖެ. ފެށިއިރާ އަޅާބަލާއިރު މިހާރު ވަރަށް ރަނގަޅު.” އަނާ ބުންޏެވެ.

އަނާ ބުނީ މިފަދަ މަސައްކަތެއް ކުރުމުގައި އޭނައަށްވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ މިފަދަ މަސައްކަތް ކުރާ އެހެން ފަރާތްތަކާ އެއް ހަމައެއްގައި އަގު ހިފެހެއްޓުން ކަމަށާއި، ނަމަވެސް މިހާރު މީހުންގެ ޑިމާންޑް އޮތީ އަގަށްވުރެ ބޮޑަށް ރަހައަށް ކަމަށް އަނާ ބުންޏެވެ. އެގޮތުން އަބަދުވެސް އަނާގެ ޑެޒަރޓްސްގެ މީރުވާހަކަ ކަސްޓަމަރުން ބުނާ ކަމަށާއި އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި އަނާ ފާހަގަ ކުރިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ޙަޔާތުގެ ޅައުމުރުގައި އަނާ ޝަފީޤް ފެށި މަސައްކަތުގައި ހުރިހާ ކަމެއްވެސް ކުރަނީ އަމިއްލައަށެވެ. ދަރިފުޅު ބެލުމުގައި މަންމަގެ އެއްބާރުލުމާއި އެހީތެރިކަން ބޮޑު ވިޔަސް އަނާގެ ވިޔަފާރީގައި ޙަރަކާތްތެރިވަނީ އޭނާ އެކަންޏެވެ.

މިވަގުތު އެކަނި އުޅެން ޖެހުނު ނަމަވެސް އަނާގެ މުޅި ވިސްނުން ހުރީ ވަރަށް ދުރަށެވެ. އަމިއްލަ ބުރަ މަސައްކަތުން އާމްދަނީ ހޯދައި ވިޔަފާރި ފުޅާކޮށް ބޭކަރީއެއްފަދަ ފިހާރައެއް ހުޅުވުމުގެ ވިސްނުމެވެ.

“އަބަދުވެސް ޓާގެޓަކީ ރަގަޅު ވިޔަފާރިއެއް ފެއްޓުން. ބޭކަރީ ފިހާރައެއް ހެދުން. މިއަދު އެކަނިވެރި ވިޔަސް ފަހުން މީހުންވެސް ބޭނުންކޮށްގެން ވިޔަފާރި ފުޅާކުރުމަކީ އެންމެ ބޮޑު އުންމީދު.” ދިރިއުޅުމަށް ކުރާ މަސައްކަތުގައި ފަސްޖެހެން ބޭނުންނުވާ އަނާ ބުންޏެވެ.

އަނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އަނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދާ އަނާގެ މަންމަ އާއި އަނާގެ ދޮންތަ އަނާއަށްޓަކާ ކޮށްދޭ ކަންތައްތައް އަނާ އަބަދުވެސް ހަނދާން ހުންނާނެ ކަމަށާއި އަދި އަބަދުވެސް އެކަމަށް ޝުކުރުވެރިވާ ކަމަށް އަނާ ބުންޏެވެ.

އަނާގެ މަސައްކަތާ ބެހޭ ގޮތުން އަނާގެ ދައްތަ ހަމްސާ ޝަފީގް ބުނީ، އަނާ އަކީ ވަރަށް ހީވާގި ހިތްވަރުގަދަ މަންމައެއް ކަމަށާއި، ދިރިއުޅުމުގައި ދިމާވާ އެކި ގޮންޖެހުންތަކާ ކުރިމަތިލަނީ ވަރަށް ހިތްވަރާ އެކު ކަމަށެވެ. އަދި އަނާގެ ދަރިފުޅު ބަލަހައްޓަމުން، ކިޔަވަމުން އެކުރަމުންދާ ބުރަ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށާއި، އަނާ އަކީ އެކަނިވެރި މަންމައިންނަށް ހުރި މިސާލެއް ކަމަށެވެ.

“އަނާ އެންމެ ކުޑައިރުވެސް ވަރަށް ކައްކާ ހިތްވާނެ. މަންމަ ކުރާ މަސައްކަތް ބަލައިގެން އަބަދުވެސް ތަފާތު އެއްޗެހި ހަދަން ވަރަށް ކުޑައިރު ދަސްކޮށްފި. ބޮޑުވަމުންދިޔައިރު ޔޫޓިއުބް ބަލައި ތަފާތު އެއްޗެހި ހަދާނެ ގޮތް ދިޔައީ ދަސްކުރަމުން. މާޝަﷲ އަނާ އަކީ ވަރަށް ޓެލެންޓެޑް ކުއްޖެއް. އަނާގެ ދައްތަ ބުންޏެވެ.

އަނާގެ ދައްތަ އިތުރަށް ބުނީ އަނާ އަކީ ކެއްކުމުގެ ދާއިރާއިން އެއްވެސް ކޯހެއް ހަދާފައިވާ ކުއްޖެއް ނޫންކަމަށާއި،  އުސްތާޛަކީ ޔޫޓިއުބް ކަމަށެވެ. އަދި އަނާ ކައްކާ ހުރިހާއެއްޗެއް އަބަދުވެސް ވަރަށް މީރުވާނެ ކަމަށެވެ.

“އަނާ އަބަދުވެސް އެންމެ ފޯރި ހުންނަނީ ފޮނިކާއެއްޗެހި ހަދަން. އަނާ އެމަސައްކަތް ކުރަނީ އެހެން މީހުން ކުރާ ގޮތާ ވަރަށް ތަފާތުކޮށް މަދު އެއްޗެހީގެ ބޭނުން ކޮށްގެން. ކޭކު ޑެކަރޭޝަން ޓޫލްސް ތަކާއި އެފަދަ އެހެން ތަކެތި ނިސްބަތުން ވަރަށް މަދުވާނެ. ނަމަވެސް ހިތްވަރު ދެރަނުކޮށް ލިބުނު ވަރަކުން އެތަކެތި ހޯދަމުން މަސައްކަތް އެކުރަނީ. އެއްބަނޑު އެއްބަފާ ދައްތަގެ ހައިސިއްޔަތުން ބުނެލަންއޮތީ ދޮންތި ފަޚުރުވެރިވަމޭ އަނާ ތިކުރާ މަސައްކަތަކަށް. މާޝަﷲ ވަރަށް ހިތްވަރުގަދަ ކުއްޖެއް ތީ” އަނާގެ ދައްތަ ހަމްސާ ބުންޏެވެ.

އަނާގެ ޑެޒަރޓްސް ޓޭސްޓް ކޮށްލާނެ ފުރުސަތު ހުވަދު ނިއުސް ޓީމަށް އަނާ ދެއްވިއެވެ. ތެދެކެވެ. އަނާގެ ތައްޔާރީތައް ހަމަ މީރީއެވެ. ފާޑުކިޔާލާނެ އެއްވެސް ފުރުސަތެއް ނެތެވެ.

Comment

  1. އިންޝާ ﷲ ކާމިޔާބުވާނެ… ތިކުރާ ހިތްވަރަށް ސާބަސް️️️….