އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26)ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުން ނިއުކަރސަލްގެ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅުންނާއި، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއެވެ.
ގްލަސްގޯގައި ބާއްވާ ކޭޕް26 ގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނގިރޭސި ވިލާތަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ އާއި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ހިމެނޭގޮތުން ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ހަމައެއާއެކު ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއެކު ރައީސް ސޯލިހުގެ މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންދެވޭނެއެވެ.
މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވާނެއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.