ޚަބަރު
ޖިންސީ ގޯނާއާއި ދެކޮޅަށް އަޑުއުފުލުމުގެ ހަރަކާތެއް މިއަދު

ސްކޫލް ކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ދެކޮޅަށް “ރައިޒް އަޕް އެމްވީ” އާއި ސްކޫލްތަކުގެ ބައެއް ބެލެނިވެރިން މިއަދު މާލޭގައި އަޑުއުފުލުމުގެ ޙަރަކާތެއް ބާއްވަން ނިންމައިފި އެވެ.

ޖިންސީ ގޯނާއާއި ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ، ރައިޒް އަޕް އެމްވީގެ ފަރާތުން މަރިޔަމް ޒަހާ ޖަމީލް ވިދާޅުވީ މިއީ ސުލްހަވެރި އެއްވުމެއް ކަމަށާއި އަދި އެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު މާފަންނު ރަސްފަންނުގައި ކަމަށެވެ.

ޒަހާ މަޢުލޫމާތު ދެއްވާފއިވާ ގޮތުގައި މި ހަރަކާތަކީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ގަލޮޅު މަދަރުސާގައި ޖިންސީ ގޯނާ ކުރިމަތިވި ކުއްޖާ އާއި އެހެން ވެސް އެފަދަ ކުދިންގެ ހައްގު ހޯދުމަށް އަޑުއުފުލައި ބާއްވާ ހަރަކާތެއް ކަމަށެވެ.

މިފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނަށް ޖިންސީގޯނާކުރުމުގެ ތަފާތު މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭގައި، ސްކޫލް ކުދިންނާއި، ކުދިންނަށް އެއްވެސް ނުރައްކަލެއް ފޯރަން ނުޖެހޭ، ކުދިން ބެލެހެއްޓުމުގެ ޒިންމާ މައިންބަފައިން އިތުބާރާއެކު ހަވާލުކުރާ ބައެއް ފަރާތްތަކުން ކުދިންނާއިމެދު އިޙްމާލުވާކަމީ މިއަދު ހިތާމަޔާއެކު ފާހަގަ ކުރަންޖެހޭ ކަމެކެވެ.

މިއަދު ހަވީރު ބާއްވާ މި އެއްވުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވާނެ ކަމަށް ޒަހާ ބުނުއްވައެވެ.

Comment