ޚަބަރު
ނޭޝަނަލް ސްކައުޓް ޔޫތު ސިމްޕޯޒިއަމް ފަށައިފި

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ނޭޝަނަލް ސްކައުޓް ޔޫތު ސިމްޕޯޒިއަމް ފަށައިފިއެވެ.

މިއީ، މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަންގެ ޔޫތު ކައުންސިލުން އިންތިޒާމު ކޮށްގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. ދެ ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި ކުރިއަށް ގެންދާ ނޭޝަނަލް ސްކައުޓް ޔޫތު ސިމްޕޯޒިއަމް ފަށާފަވަނީ އިއްޔެގެ ހަވީރުއެވެ.

ސިމްޕޯޒިއަމްގެ ސެޝަންތައް ހުރަވީ ސްކޫލްގައި ކުރިއަށް ގެންދެވުނު ނަމަވެސް، އަތޮޅު ތެރެއިން ސްކައުޓުންނާއި ގާލް ގައިޑުން އޮންލައިންކޮށް ވެސް މި ސިމްޕޯޒިއަމްގައި ބައިވެރިވެއެވެ. ނޭޝަނަލް ސްކައުޓް ޔޫތު ސިމްޕޯޒިއަމް ކުރިއަށް ގެންދަނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ސްކައުޓުންނާއި ރޯވާ ސްކައުޓުންގެ އިތުރުން، އެ އުމުރު ފުރާތަކުގެ ގާލް ގައިޑުން ބައިވެރިކޮށްގެންނެވެ.

މިސިމްޕޯޒިއަމްގައި، މާލެއާއި އަތޮޅު ތެރޭގެ 20 ސްކޫލަކުން 60 ސްކައުޓުންނާއި، 62 ގާލް ގައިޑުންނާއި، އޮފިޝަލުންނާއި އެހެން މަންދޫބުންނާއެކު ގާތްގަނޑަކަށް 150 އެއްހާ ބައިވެރިން މި ސިމްޕޯޒިއަމްގައި ބައިވެރިވަމުންދާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއެވެ.

މި ސިމްޕޯޒިއަމްގެ މިއަދުގެ މެންދުރުގެ ސެޝަންގައި އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލުން ސިމްޕޯޒިއަމެއް ފެށިއިރު، ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު ކައުންސިލުން އިސް ނަގައިގެން ވަނީ މާލެއާއި އަތޮޅު ތެރޭގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ސްކައުޓް އެސޯސިއޭޝަނުން އިސްނަގައިގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Comment