ޚަބަރު
ކުރެއްދޫ ރިސޯޓާއެކު އެކުވެރިކަމުގެ މެޗަކަށް ފަހު، ގައުމީ ޓީމަށް 1.2 މިލިއަން ރުފިޔާ

ކުރެއްދޫ ރިސޯޓާއި އެކު ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު އެކުވެރިކަމުގެ މެޗެއް ވަނީ ކުޅެފައެވެ. މިއެކުވެރިކަމުގެ މެޗުން ގައުމީ ޓީމު މޮޅުވެ، 1.2 މިލިއަން ރުފިޔާ ވަނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ލިބިފައެވެ.

ކުރެއްދޫ ރިސޯޓާއި އެކު ކުޅެވުނު މެޗަކީ، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް އިއްޔެ ހަވީރު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުޅެވުނު މެޗެކެވެ. މި މެޗުން ގައުމީ 7ލަނޑު ޖަހައި މޮޅުވެފައިވާއިރު، ކުރެއްދޫ ޓީމް ގައުމީ ޓީމުގެ ގޯލަށް 1 ގޯލް ވަނީ ވައްދާފައެވެ.

މި މެޗުން މޮޅުވުމާއެކު ގައުމީ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުއްޗުގެ ފަރާތުން ދީފައިވާ ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި ދިރާގުގެ ފަރާތުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާއެވެ.

މީގެ އިތުރުން މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ލިޓަސްއިން އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށަހެޅިއިރު، އެ އިނާމު ލިބިފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭ އަށެވެ. އަދި ސަންފްރަންޓުން ހުށަހެޅި ބެޓެރި ސައިކަލް ކުރެއްދޫގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގަށް ލިބުނުއިރު ސަންފްރަންޓުން ދެން ހުށަހެޅި ބައިސްކަލް ކުރެއްދޫގެ ކޯޗު މުހައްމަދު އަބްދުލް ޣަނީއަށް ވަނީ ލިބިފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ ގައުމީ ޓީމަށް މި ލިބުނު ފައިސާ ބަހާލާނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަމައަށް ކަމަށެވެ.

Comment