ވިލިމާލޭގެ ފަޅުތެރެއަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބުނު ނޭޕާލްގެ ޑޮކްޓަރަކު ދިވެހި ފުލުހަކު ސަލާމަތްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވާ ގޮތުގައި ނޭޕާލުގެ 39 އަހަރުގެ ފިރިހެނެއް ގެނބުނުކަމުގެ މައުލޫމާތު އިއްޔެ ހަވީރު 05:41 ހާއިރު ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
ގެނބުނު ޑޮކްޓަރު މީހާ ސަލާމަތްވުމުގައި މެދުވެރިކަށް ވީ އޭނާ މޫދަށް އެރުނު ދިމާލުގައި ހުރި ފުލުހެކެވެ. ތަމްރީން ލިބިފައި ހުރި ފުލުހަކު ސީންގައި ހުރިކަމީ، ޑޮކްޓަރުގެ ފުރާނަ ސަލާމަތްވުމަށް އެޅިގެންދިޔަ ބާރެކެވެ.
ގެނބުނު މީހާ ވަނީ ވިލިމާލެ ބޯޓުޔާޑާ ދިމާ ފަޅުތެރެއިން އައި ލޯންޗަކަށް އަރުވައި، ނެގުމަށްފަހު ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންދެވިފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.