ގދ ތިނަދޫގެ ގޮނޑުދޮށުން ވެއްޔާ އަކިރި ނަގާ ފަރާތްތަކާ އެތަކެތި އުފުލާ އުޅަނދުތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ތިނަދޫ ކައުނަސިލުން މިއަދު ނިންމައިފިއެވެ.
މިއަދު ތިނަދޫ ކައުންސިލްގެ ގައި ބޭއްވި މި ދައުރު ގެ 22 ވަނަ ޖަލްސާ ގައި މެމްބަރު ފާސްކުރެއްވި ނިންމުމުގައި ވަނީ ތިނަދޫ ގޮނޑުދޮށުން ވެއްޔާ އަކިރި ނަގާ ފަރާތްތަކާ އެތަކެތި އުފުލާ އުޅަނދުތަކާމެދު މަސައްސަލަ ބެލުމަށް ފުލުހުން މެދުވެރި ކުރުމަށާއި ޖޫރިމަނާ ކޮށް އެ ޖޫރިމަނާގެ ފައިސާ މީރާ އަށް ދެއްކުމަށެވެ.
މި ނިންމުމާ ބެހޭގޮތުން ހުވަދޫ ނިއުސް އަށް އިތުރު ތަފްސީލު ދޭއްވަމުން ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ މީހުން ދިރިއުޅޭ ރަށް ރަށުގެ ގޮނޑުދޮށުން ވެއްޔާ އަކިރި ނަގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ކަމަށާއި އެކަން އެގޮތަށް ތަންފީޒުކުރުމަކީ ރަށުގެ ރައްކާތެރިކަން ހިފެހެއްޓުމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ތިނަދޫ ގެ ގޮނޑުދޮށް ތަކުން އަކިރިއާއި ވެލި ވަގަށް ނަގައި ގޭގެޔަށް އުފުލުމަކީ މަދު ބަޔަކު ވިޔަސް ވަރަށް ގިނައިން ކުރާ ކަމެއް ކަމަށާއި މިފަދަ ނިންމުމެއް ތަންފީޒުކުރަން ފެށުމުން އެ އަމަލު ހުއްޓުމަކަށް އައުން އެކަށީގެންވާ ކަމަށް ރައީސް ސަޢުދު އަލީ ވިދާޅުވިއެވެ.
މިއަދު ތިނަދޫ ކައުނަސިލްގައި ބޭއްވި ބައްދަލުވުމުގައި އިތުރު ބައެއް ކަންކަން ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ތިނަދޫ ފަތާ ސަރަހައްދު ގައި ހުރި ތަކެތި އެހެން ދިމާއަކަށް ބަދަލު ކުރުމަށް އެނގި އެންގުމުގެ މުއްދަތު ހަމަވެފައިވާތީ އެތަކެތި ނަގައި ތަން ސާފު ކުރުމާއި ތިނަދޫ ގައި ހަދާ އައުޓްޑޯ ޖިމް ތިނަދޫ ދެކުނު ފަރާތު ޕާކުގައި ގާއިމް ކުރުމަށް ނިންމުން ފާހަގަ ކޮށްލެވެއެވެ.
މިއަދު ގެ ބައްދަލުވުމަގައި ރަށުގެ ހުރިހާ ކައުންސިލަރުން ބައިވެރިވެލެއްވިއެވެ.