މިއަދު ބޭއްވުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނުގައި ގއ.ވިލިނގިލީގެ ގޮޑި ޕީޕީއެމުން ކާމިޔާބްކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެމްބަރުން އިންތިހާބްކުރަން ޖެހޭ އަދަދަށް އިންތިހާބުވެފައި ނުވާ ގޮޑިތަކަށް މިއަދު ވަނީ ބައި އިލެކްޝަނެއް ބާއްވާފައެވެ. މިއިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގއ. ވިލިނގިލީ ގޮޑިއަށް ހޮވިފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޝަހުމާ މުހުސިން އެވެ. އެމްޑީޕީގެ ކެނޑިޑޭޓް މަރިޔަމް ރަޝީދާއާއި ވާދަކޮށް ޝަހުމާއަށް 400 ވޯޓު ލިބިފައިވާއިރު، މަރިޔަމް ރަޝީދާއަށް ލިބިފައިވަނީ 333 ވޯޓެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 2،640 މީހުން ތިބިއިރު، ވޯޓުލާފައިވަނީ 749 މީހުންނެވެ. އިންސައްތައަށް ބަލާއިރު މިއީ 28 އިންސައްތަ ވޯޓެވެ.
މީގެ އިތުރުން މިއަދު ބޭއްވި ދެވަނަ އިންތިޚާބުގައި ކުރެންދޫ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ނިޒާމާ ކަމިޔާބު ކުރީ، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް ޢަޒީޒާ އަބްދުﷲ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. ނިޒާމާއަށް، 437 ވޯޓު ލިބިފައިވާއިރު، ޢަޒީޒާއަށް ލިބިފައިވަނީ 245 ވޯޓެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 1533 މީހުން ތިބިއިރު، ވޯޓުލާފައިވަނީ 692 މީހުންނެވެ. އިންސައްތައަށް ބަލާއިރު މިއީ 45 އިންސައްތަ ވޯޓެވެ.
މިއިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.