2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 36.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖުލީހަށް މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހެޅި ބަޖެޓްގެ ތެރޭގައި ދައުލަތުގެ ދަރަނި 2.9 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ޓެކްސް، ޓެކްސް ނޫން ގޮތުގައި 6 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން 2022 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 9.7 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި އެންމެ މުހިންމު ދާއިރާތަކުގެ ގޮތައި ހިމަނާފައިވަނީ ސިއްޚީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ، އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާއަށް 3.1 ބިލިއަން ރުފިޔާ އަދި ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އާމްދަނީ ހޯދައިގެން ދަރަނި މެނޭޖްކުރުމަށް އަލަށް ފަށަން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ޚަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފް ކުރުމާއި، ރިސޯޓް ތަރައްގީ ކުރަން ރަށްރަށް ދޫކުރުން، އަދި ޕްލާސްޓިކް ކޮތަޅުން ޓެކުސް ނަގަން ފެށޭނެއެވެ.
މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި 2023 ނިމެންވާއިރަށް ދަރަނީގެ 105 އިންސައްތަ ތިރިކޮށް، އެ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ތިރިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މަޖިލީހަށް މިއަދު ހުށަހެޅުނު ބަޖެޓުގައި ބުނާގޮތުން ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ، ރިއަލް އެސްޓޭޓް ޓޫރިޒަމުން 213 މިލިއަން ރުފިޔާ، އަދި ރިސޯޓް ތަރައްގީ ކުރަން ރަށްރަށް ދޫކޮށްގެން 148 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މީގެ އިތުރުނން ޕްލާސްޓިކް ޓެކުހުން 48 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.