ނިމިދިޔަ އެއްވެސް ސަރުކާރަކުން ނުހިންގާ ވަރަށް މިސަރުކާރުން މަޑަވެލި ދާއިރާ އަށް އަދި ޚާއްސަކޮށް ގދ ނަޑެއްލާއަށް ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންދާ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑަވެލި ދާއިރާގެ ރައީސް އިބްރާހިމް ނާފިޒް (ޗިކާ) ވިދާޅުވެއްޖެއެވެ.
ޗިކާ މިހެން ވިދާޅުވީ, އަންނަ އަހަރުގެ ބަޖެޓުގައި މަޑަވެލި ދާއިރާ އަދި ޚާއްސަކޮށް ނަޑެއްލާއަށް ގިނަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވާތީ އެކަން ފާހަގަކޮށް ހުވަދޫ ނިއުސް އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. މިސަރުކާރުން އެއްވެސް ދާއިރާއަކަށް އަދި އެއްވެސް ރަށަކަށް ވަކި ތަފާތު ކުރުމެއްނެތި ހިންގަމުންދާ މަޝްރޫއުތައް ފާހަގަކޮށް ޗިކާ ވިދާޅުވީ, ކޮވިޑްގެ ހާލަތުގައި ނަޑެއްލާ ރައްޔިތުންނަށް އެެންމެ މުހިންމު އެއް ޚިދުމަތް ކަމުގައިވާ ނަޑެއްލާ ސިއްހީމަރުކަޒުގައި ލެބޯޓަރީ އެއްގާއިމު ކުރެވިގެން ދިއުމަކީ ނަޑެއްލާ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އަދި އޭގެ އިތުރުންވެސް ނަޑެއްލާގެ އައު އިންޖީނުގެ އިމާރާތުގެ މަސައްކަތާ އަދި އޭގެ އިތުރުން ވެސް ހިންގާފައި ހުރި ގިނަ ކަންތައްތަކަކީ މިސަރުކާރުން ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގެންގުޅުއްވާ ސިޔާސަތުތައް ކަމުގައިވެސް ޗިކާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ނަޑެއްލާގައި ހިންގުމަށް ހިމަނާފައިވާ ކަންތައްތަކަކީ:
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހިންގުމަށް ހަމަޖެހިފައިވާ ނަޑެއްލާ ނަރުދަމާ ނިޒާމް ގާއިމުކުރުން : (5,105,224) ރުފިޔާ (ޕްރީޓެންޑަރިންގ)
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހިންގަން ބަޖެޓުގައި ހިމަނާފައިވާ ނަޑެއްލާ ގިރާ ސަރަހައްދު ހިމާޔަތް ކުރުން : (2,202,609) ރުފިޔާ (އަލަށް ފަށާ)
- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނަޑެއްލާ ސްކޫލްގެ ދެ ކްލާސްރޫމް އަދި ސްޓާފްރޫމް އިމާރާތްކުރުން (337,500) އަލަށް ފަށާ
- މިނިސްޓްރީ އޮފް ޔޫތު, ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ހިންގާ ނަޑެއްލާ އިޖުތިމާއީ މަރުކަޒު ތަރައްގީކުރުން (501,859) ރުފިޔާ (ހިނގަމުންދާ)
އޭގެ އިތުރުން ދައުލަތުގެ ބަޖެޓުން ގދ ނަޑެއްލާ ކައުންސިލަށް 5,926,558 ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުންވެސް ދައުލަތުގެ ބަޖެޓް ފާސްވެގެން އަންނަ އިރު އިތުރު ގިނަ މަޝްރޫއުތަކެއް ގދ ނަޑެއްލާ އަދި މަޑަވެލި ދާއިރާއަށް ހަމަޖެހިގެން ދިއުމަކީ މުޅި ދާއިރާގެ ރައްޔިތުން މިސަރުކާރާ ދޭތެރޭ އޮތް އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް ޗިކާ ވިދާޅުވިއެވެ.
ވަރަށް އިތުބާރު އެބައޮތް. ވަގު ސަރުކާރަކަށް ވޯޓެއް ނުދެން.