ޚަބަރު
ތިނަދޫގެ ކުރީގެ މެޖިސްޓްރޭޓްގެ މައްސަލަ ބެލޭނެ: ކްރިމިނަލް ކޯޓް

ގދ.ތިނަދޫގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަސްތުވާ ތަކެތި ބޭނުންކުރި މައްސަލަ ބެލޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ތިނަދޫ، ގާކުރެލި އިބްރާހިމް ރަޝީދު 2016 ވަނަ އަހަރު އެރަށު ކޯޓު މެޖިސްޓްރޭޓަކަށް ހުންނަވަނިކޮށް މަސްތުވާތަކެތީގެ މައްސަލައިގައި ވަނީ ހައްޔަރުކުރެވިފައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 2016 ވަނަ އަހަރު މެއި 28 ވަނަ ދުވަހުގެ ރޭ ފުލުހުން އޭނާ މަގުމަތިން ހުއްޓުވަން އުޅެނިކޮށް އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ވަނީ ފެނިފައެވެ. އެހެންކަމުން ޕީޖީން ވަނީ އޭނާގެ މައްޗަށް މިމައްސަލައިގައި ދައުވާކޮށްފައެވެ.

މިމައްސަލައިގައި އިބްރާހިމް ރަޝީދު ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނެފައިވަނީ ހައިކޯޓުން ނިންމާފައިވަނީ ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކޮށް އަދި ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ޤަވައިދާ ޚިލާފަށް ކަމަށާއި އެ ނިންމުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައި އޮއްވައި އޭނާ ގާނޫނާ ހިލާފަށް ބަލައިފާސްކޮށް ހޯދި ހޯދުންތަކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް މިއަދު ކްރިމިނަލް ކޯޓުން ނިންމީ މިމައްސަލަ ބަލައި ކުރިޔަށް ގެންދިޔުމަށެވެ.

 

 

Comment