ޚަބަރު
ޝާހުރުކް ޚާންގެ ދަރި އާރްޔަންއަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

ބޮލީވުޑްގެ މަޝްހޫރުތަރި ޝާހުރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާން 25 ދުވަސް ޖަލުގައި ހޭދަކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލުމުން ގޭގައި ބަންދުކޮށްފިއެވެ.

އިންޑިޔާގެ ރިޕޯޓްތަކުގައި ބުނާ ގޮތުން އާރްޔަން ޖަލުން ދޫކޮށްލިނަމަވެސް ޝާހުރުކް އާއި ގޯރީ ވަނީ އޭނައަށް ހަރުކަށި ފިޔަވަޅު އަޅާ ގޭގައި ބަންދުކޮށްފައެވެ. އެގޮތުން ޕާޓީތަކަށް ދިޔުން މަނާކޮށް ރޭގަނޑު ބޭރުގައި އުޅުން އާރްޔަން އަށް މަނާވާނެއެވެ. އާރްޔަންއަށް މިހާރުވަނީ ބޮޑީގާޑެއްވެސް ހޯދާފައެވެ.

ރިޕޯޓްތަކުގައި ބުނާގޮތުން އާރްޔަން ޖަލުން ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލިކަން މީޑިޔާއަށް ކަށަވަރުކޮށްދީފައިވަނީ ބޮލީވުޑް އެކްޓްރެސް އަދި ޝާހްރުކްގެ އެކުވެރި ޖޫހީ ޗާވްލާއެވެ.

ކަފާލާތުގެ ދަށުން އާރްޔަން ދޫކުރި ކަމުގައި ވިޔަސް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 11:00އިން މެންދުރު 2:00އަށް އޭނާއަށް އެންސީބީއަށް ދާން ޖެހެއެވެ.

މިދިޔަ އޮކްޓޯބަރ މަހު ތިންވަނަ ދުވަހު ކްރޫޒްލައިނަރެއްގައި ބޭއްވި ޕާޓީއެއް ތެރެއިން މަސްތުވާތަކެތި ފެނި، އެ މައްސަލައިގައި އާރްޔަންއާ އެކު އިތުރު ހަތް މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އާރްޔަން ފުރަތަމަ ބެހެއްޓީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ޖަލުގައެވެ. ކަފާލާތުގެ ދަށުން އެފަހަރު ވެސް އޭނާ ދޫކޮށް ނުދިނުމަށް ފަހު، ފަހުން ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ކޯޓުން ވެސް ނިންމީ އާރްޔަން ކަފާލާތުގެ ދަށުން ދޫނުކުރުމަށެވެ. އަދި އާތަރ ރޯޑް ޖަލަށް އޭނާ ބަދަލު ކުރިކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

މީޑިޔާއަށް އިންޓަވިއުއެއް ދެމުން އާރްޔަން ބުނީ، އިޖްތިމާއީ ގޮތުން މީހުންނަށް އެހީތެރިވާން ބޭނުންވާ ކަމަށާއި ޖަލުން މިނިވަން ވުމަށް ފަހު ހުރިހާ ނުބައި އާދަތައް ދޫކޮށްލާނެ ކަމަށެވެ. އަދި  މުޖުތަމައުއަށް ފައިދާހުރި މީހަކަށް ވާނެ ކަމަށް ވައުދުވާ ކަމަށާއި އެންމެން ވެސް އޭނާއާ މެދު ފަޚުރުވެރިވާނެ މީހަކަށް ވާނެ ކަމަށެވެ.

Comment