ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާއި ގުޅިގެން މެދުކަނޑާލާފައި އޮންނަތާ ގިނަ ދުވަސްތަކަށް ފަހު ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ކުޅިވަރު މުބާރާތަށް ފަށައިފިއެވެ.
ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ހައުސް ކަމަށްވާ ވައްލަ، މާކޮޅަލަ، ކުރަނގި އަދި މާރަނގަ ހައުސްގެ މެދުގައި ކުޅިވަރު މުބާރާތްތައް ފަށާފައި ވަނީ އިއްޔެ ހަވީރު އެވެ.
ގދ އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި އިއްޔެ ތިނަދޫ ބޯޅަ ދަނޑުގައި ކުރިއަށް ގެންގޮސްފައި ވަނީ ފިރިހެން ކުދިންގެ ފުޓްބޯޅައެވެ. އެގޮތުން އިއްޔެ ވަނީ 2 މެޗް ކުޅެފައި ކަމަށް އަދި ކޮންމެ ދެދުވަހުން އެއް ދުވަހު 2 މެޗް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.
ފުޓްބޯޅައިގެ އިތުރުން އިންޓަރ ހައުސް ހޭންޑްބޯޅަ މުބާރާތް ވެސް މިއަދު ވަނީ ފަށާފައެވެ. ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި ދެދުވަހުން އެއް ދުވަހު 2 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގިނަ ދުވަސްތަކަށް ފަހު ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ކުޅިވަރު މުބާރާތައް ފެށުމުން ސްކޫލް ގެ ދަރިވަރުން އަދި ބެލެނިވެރިންނާއި މުދައްރިސުން ދަނީ މި ކަމަށް ވަރަށް ބޮޑު ތަރުތީބެއް ދެމުންނެވެ. އަދި މުބާރާތް ތަކުގެ ފޯރި ވެސް ދަނީ އެހާ ގަދަކޮށް ކަން ފާހަގަ ކުރެވެއެވެ.
ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ހައުސް ތަކުގެ މެދުގައި މިހާރު ކުރިޔަށް ދަނީ އިންޓަރ ހައުސް 23 ވަނަ ފުޓްބޯޅަ މުބާރާތާއި 3 ވަނަ ހޭންޑްބޯޅަ މުބާރާތެވެ.