ޓްރާންސްޕޯޓުގެ ހިދުމަތްތައް ލަސްވާ މައްސަލައިގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އެ މިނިސްޓްރީ އާއި ޓްރާންސްޕޯޓު އޮތޯރިޓީގެ އިސްވެރިން ހާޒިރުކޮށް މެމްބަރުން ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން ކާޑެއްދޫ އެއާޕޯޓް ވިލާއަށް ހަވާލު ނުކުރެވި ލަސްވާ މައްސަލަ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ހާމަކުރައްވާފައެވެ.
ނަހުލާ ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ހަވާލުކުރަން ޖެހޭ ކަމަށް އަމުރުގައި ބުނާއިރު، ވިލާ ކުންފުންޏަށް ރަށެއް ދޭން ޖެހޭ ކަމަށެވެ. އެއާޕޯޓް ހަވާލުނުކުރެވި ލަސްވަނީ ސަރުކާރަށް އެ ރަށް ކަނޑަނޭޅިގެން ކަަމަށް ވިދާޅުވި އެވެ.
ވިލާއާ އެއާޕޯޓް ހަވާލުކުރި އެއްބަސްވުމާ އެކު ހަމަޖެއްސި ރަށް މިހާރު ވަނީ ސަރުކާރުގެ ބޭނުމަށް ނަގައިފަ އެވެ. އެއާޕޯޓް ހަވާލުކުރުމާއި ގުޅޭ ކަންކަން މިހާރު އޮތީ ސަރުކާރުގެ އިދާރާތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ނަހުލާ ވިދާޅުވެފައިވާގޮތުގައި، ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހަޅާ ވިލާ ކުންފުންޏާ ގުޅޭ އެއްވެސް ކަމެއްގައި އެކަމަނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އެހެން ވިދާޅުވިއިރު، އެ ކުންފުނީގެ ނިންމުންތަކުގައި ނަހުލާގެ ބައިވެރިވުން އޮތުމަކީ މަސްލަހަތު ފުށުއަރާ ކަމަކަށް ވާތީ ކުރިން ވެސް އޭނާ އަށް ފާޑުކިއުން އަމާޒުވި އެވެ.