މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ދިވެހިންނަށް އުޅުމުގެ ފުރުސަތު ނެތް ދުނިޔެއެއްގައި، ދިވެހިންގެ ނިމުންއަންނަގޮތް ވެގެންދާނީ އެހެން ޤައުމުތަކަށް ކުރިމަތިވާ ކަޅު، އަނދިރި އިންޒާރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޕް26 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖެއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ޗާޓުން މުޅިން ފޮހެވިގެން ހިނގައިދާނެ، ބިންތިރި ޤައުމުތަކުގެތެރެއިން ޤައުމެއްކަމަށް ތިމާވެށީގެ މާހިރުން، ފާހަގަކުރައްވާ ވާހަކަ ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް މަޑުމަޑުން ތަޖުރިބާ ކުރަން ޖެހިފައިވާކަމަށެވެ. މިކަންތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ، މި ހިނގާ ޤަރުނު ނިމިގެންދާއިރު، ދިވެހިރާއްޖެ ނޯންނާނެކަމަށް ރައީސް ވިދާޅުވެފައެވެ.
ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސްއިން، 2 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ޖެހިއްޖެނަމަ އެއީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އިއްވޭ މަރުގެ ހުކުމެއްކަމުގައި ރައީސް ސިފަކުރެއްވިއެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރި ހުރަސްތައް ގިރާކުރުމަށް، ލިބޭ އެންމެ ފަހުފުރުސަތަށް ވެދާނެކަން އެންމެންނަށްވެސް އެނގޭކަމަށާ، މިފުރުސަތުގެ ބޭނުން ބޭކާރުކޮށްނުލުމަށް ރައީސް ދުނިޔެއަށް ގޮވާލެއްވިއެވެ.