ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ހުކުމް އިއްވި ޤާޒީންގެ ލީކުވި އޯޑިޔޯތަކުގެ ތެރެއިން ޤާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިޔޯ ކަށަވަރު ވުމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން، (ޖޭއެސްސީ) އިން އެމައްސަލަ ބަލަން ނިންމައިފިއެވެ.
ޔާމީންގެ ޝަރީއަތުގައި ހުކުމް އިއްވި ބެންޗުގައި ހިމެނި ވަޑައިގަންނަވާ ތިން ޤާޒީންގެ އޯޑިޔޯ ލީކުވުމާއި ގުޅިގެން ޖޭއެސްސީން ވަނީ މިއޯޑިޔޯތައް ކަށަވަރު ކުރުމަށް ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހަށް ހުށަހަޅާފައެވެ.
ފުލުހުންގެ އެނާލިސިސްއަށްފަހު ޖޭއެސްސީން ހާމަކުރީ ލީކްވި އޯޑިއޯތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ޤާޒީ އަލްއުސްތާޛު މުޙައްމަދު ސަމީރުކަމަށް ބުނެ ދައުރުވި އޯޑިއޯތަކަކީ ސައްޙަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް ރޭ ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯގައިވާ އަޑަކީ އޭނާގެ އަޑުކަމަށް ތަހްލީލުން އެނގޭ ކަމަށާއި މިއޯޑީޔޯތަކަކީ ޓެމްޕަރކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ.
ފާއިޒުގެ އޯޑިޔޯގައި އޭނާ ވިދާޅުވެފައިވަނީ ޔާމިނުގެ މައްޗަށް ހުކުމް އިއްވީ ސަޕޯޓަރުންގެ ތާއީދު އިތުރު ކުރުމަށް ކަމަށާއި އެ ވާހަކަތައް 2023ގައި ތަފްސީލް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ފާއިޒް ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ޙުކުމް ކުރެއްވީ މަޤާމުގެ ބިރުން ނޫން ކަމަށެވެ.
ރައީސް ޔާމީންގެ ހުކުމާ ގުޅިގެން ރަހީން ކުރިތޯ، ލީކްވި އޯޑިއޯގައި ސުވާލު ކުރުމުން ވިދާޅުވީ، “އެހެން ކަމަށް ބަލަމާހޭ” ވިދާޅުވާ އަޑު އިވެއެވެ. ހަމައެހެންމެ ރަހީނު ކުރެވޭ ބައިވަރު ގޮތްތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިޒުގެ އޯޑިޔޯގައި ކޯޓުގެ ޝަރީއަތާއި ގުޅޭ ވާހަކަތައް ކޯޓުން ބޭރުގައި ދައްކާފައިވާތީ އަދި އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއިޒް ފައިދާނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.