ޚަބަރު
ނޮވެމްބަރު 3 ގައި ދިވެހިން އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި އަގީދާ – ރައީސް

ދިވެހިރާއްޖޭގެ 34 ވަނަ ފަޚުރުވެރި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި ދެއްވެވި ޚިތާބުގައި ވިދާޅުވީ، 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ހެއްދެވީ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި އަގީދާ ކަމަށާއި ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ވަނީ ސާބިތުކޮށްދީފައި ކަމަށެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ފަޚުރުވެރިކަމާއެކު ނަޞްރުގެ ދުވަހެއް ފާހަގަކުރަމުންމި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުންކަމަށައި، ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުން ކަމަށެވެ. އަދި މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަސް ކަމަށެވެ.

“މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުން. އެ ބޭފުޅުން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް.” ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި އިތުރަށް ވިދާޅުވެފައިވަނީ ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު، މި ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމަށާއި، އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެއްކަމަށެވެ. އަދި އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެއް ކަމަށެވެ.

ނަމަވެސް، ދިވެހި ރައްޔިތުން އެ ދުވަހުވެސް އުއްމީދު ކަނޑައެއްނުލާކަމަށާއި ދިވެހި ޢަސްކަރިއްޔާއަށް އޮތް އިތުބާރު ދެމެހެއްޓިކަމަށްވެސް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

“އެދުވަހު ދިވެހި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ސާބިތުކޮށްދިން. ގާނޫނީ ސަރުކާރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވި. އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި ހެދީ، ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމީ މަތިވެރި އަގީދާ.” ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

އެދުވަހު ދިވެހިން މި ލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަވައި، ނަޞްރު ދެއްވުން އެދި ކީރިތިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވަމުން ގެންދިޔަކަމަށާއި، އެ ދުޢާތައް އިޖާބަކުރައްވައި، ދިވެހި ސިފައިން އެދުވަހު ކުރި ވަރުގަދަ ޖިހާދަށް ކާމިޔާބު ދެއްވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދުކުރާ ކަމަށްވެސް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

“ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން. ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުން. އެ ދުވަހު ބައިނަލްއަޤްވާމީ ދުނިޔެ ދިވެހިރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް. ޚާއްޞަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ޙައްޤު ޝުކުރު އަދާކުރަންޖެހޭ.” ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ޤައުމީ މަޞްލަޙަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި، އަމިއްލަ އެދުމުގެ ކުރިއަށް، ދީނާއި ޤައުމު ނެރެންޖެހޭކަމަށްވެސް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ. އަދި ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންކަމަށާއި، ނަމަވެސް ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަޞްރު ލިބޭނެކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

“އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ޤައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަން.” ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސްގެ ޚިތާބު ނިންމަވާލައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި، މިނިވަން ޤައުމެއްގެ ގޮތުގައި ތާއަބަދު މި ލޮބުވެތި ވަޠަން ލެއްވުމަށާއި، އަދި މި ލޮބުވެތި ވަޠަންގެ ޙައްޤުގައި، ދީނާއި ޤައުމަށްޓަކައި ހަނގުރާމަކުރާ މުޖާހިދުންނަށް، ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރުކޮށްދެއްވުމަށް ކަމަށެވެ.

Comment